ސެންޓިއާގޯ (ޑިސެމްބަރު 20) - މާސްކް ނާޅުއްވައި ސެލްފީއެއް ނެންގެވުމުން ޗިލީގެ ރައީސް ސެބަސްޓިއަން ޕިނޭރާ 3،500 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ރައީސް ޕިނޭރާ ޖޫރިމަނާކޮށްފައި ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމާ ގުޅޭ ގަވާއިދާ ޚިލާފަށް އަންހެނަކާ އެކު ސެލްފީއެއް ނެންގެވުމުންނެވެ. ރައީސް ޕިނޭރާ ފަހުން ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެ ގޮތަށް ކަންތައް ކުރައްވައިގެން ނުވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ޕިނޭރާ ވިދާޅުވީ އަންހެނަކާ އެކު ސެލްފީއެއް ނެންގެވީ އެމަނިކުފާން ދިރިއުޅުއްވާ ޓައުންގައި އެ އަންހެން މީހާ ސެލްފީއެއް ނަގަން އެދުމުން ކަމަށެވެ. އެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފަ އެވެ.
އާއްމު ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް ޗިލީގައި ވަނީ ހަރުކަށި ގަވާއިދުތަކެއް ހަމަޖައްސައިފަ އެވެ. މާސްކް އެޅުމުގެ ގަވާއިދާ ޚިލާފު ވެއްޖެ ނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލަށް ލުމުގެ އަދަބު ވެސް ވަނީ ހިމަނައިފަ އެވެ.
ލެޓިން އެމެރިކާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ޗިލީ ހިމެނެ އެވެ. އެ ގައުމުން މިހާތަނަށް 583,354 މީހުން ޕޮޒިޓިވްވެފައިވާ އިރު 16,101 މީހުން ވަނީ މަރުވެފަ އެވެ. ޖޫން މަހުން ފެށިގެން ޗިލީގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 1،000 އިން މަތީގަ އެވެ. ޑިސެމްބަރު މަސް ފެށުމާ އެކު ރައީސް ޕިނެރާ ވަނީ ކުއްލި ހާލަތު 90 ދުވަހަށް އިތުރުކޮށްފަ އެވެ.