ސެންޓިއާގޯ (އެޕްރީލް 28) - ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް "ސެޓްފިކެޓް" ދިނުމަށް ޗިލީ ސަރުކާރުން ނިންމައިފި އެވެ.
ޗިލީން އެ ގޮތަށް ނިންމީ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް ސެޓްފިކެޓް ދިނުމަކީ އެ ބަލި އިތުރަށް ފެތުރިދާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައި ވަނިކޮށެވެ.
ޗިލީގެ ހެލްތު މިނިސްޓަރުގެ ނައިބް ޕައުލާ ޑާޒާ ވިދާޅުވީ ބަލިޖެހި ރަނގަޅުވެފައިވާ މީހުންނަށް ސެޓްފިކެޓް ދޫކުރަނީ އެ މީހުން އެނބުރި މަސައްކަތަށް ނެރުމަށް ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަވެ އެ މީހުންނަށް ދެ ވަނަ ފަހަރަށް ބަލި ނުޖެހޭނެ ކަމުގެ އެެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ބާވަތުގެ ސެޓްފިކެޓެއް ދޫކުރުމުން ގޯސް ވިސްނުމެއް ކުރިއަށް ނެރެ ބަލި ފެތުރުމުގެ ބިރު ބޮޑު ކަމަށެވެ.
"ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަވެ އެ މީހުންނަށް ދެ ވަނަ ފަހަރަށް ބަލި ނުޖެހޭ ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވޭ،" ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އެ ގޮތަށް ގަބޫލްކޮށް "އިމިއުން ޕާސްޕޯޓެއް" ދިނުމަކީ ކޮރޯނާވައިރަހުގެ ވަބާ އިތުރަށް ފެތުރެން މަގުފަހިވާނެ ކަމެއް ކަމަށެވެ.
އެކަމަކު ޗިލީގެ ހެލްތު މިނިސްޓަރުގެ ނައިބް ވިދާޅުވީ އެއް ފަހަރު ބަލި ޖެހިފައި ހުރި މީހަކަށް ދެ ވަނަ ފަހަރަށް އެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކަން އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ސެޓްފިކެޓަކީ ކޮވިޑް-19 ނުޖެހޭނެ ކަމުގެ ގެރެންޓީއެއް ނޫން ކަމަށާއި އެކަމަކު އެއީ ބަލިން އެ މީހަކު ރަނގަޅުވެ އަދި އައިސޮލޭޝަން މުއްދަތު ނިންމާފައިވާ މީހެއްކަން އަންގައިދިނުމަށް ދޭ ލިޔުމެއް ކަމަށެވެ.
ޗިލީން މިހާތަނަށް ވަނީ 13,813 މީހުން ޕޮޒިޓިވްވެ 198 މީހުން މަރުވެފަ އެވެ.