ބެލެނިވެރިންނަށް ކޮންޓްރޯލް އޮންނަ ގޮތަށް، ކުޑަކުދިންނަށް ހާއްސަކޮށްގެން ފޭސްކުބުން މީގެ ތިން އަހަރު ކުރިން ތައާރަފުކުރި މެސެންޖާ ކިޑްސް ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް އިތުރު 70 ގައުމަކަށް ލިބޭ ގޮތަށް ހަދައިފި އެވެ.
ފޭސްބުކުން މި ދަނޑިވަޅުގައި މިގޮތަށް ހަމަޖެއްސީ ކޮރޯނާވައިރަހާ ހެދި ގިނަ ގައުމުތަކެއްގައި ސްކޫލްތައް ބަންދުކޮށް، ކިޔަވާ ކުދިން ގޭގައި ތިބެގެން އޮންލައިންކޮށް ކިޔަވަން ޖެހިފައިވާތީ އެކަމަށް ފަސޭހަކުރުމުގެ ގޮތުންނެވެ.
މެސެންޖާ ކިޑްސް އެންމެ ފުރަތަމަ ތައާރަފުކުރީ 2017 ގައި އެމެރިކާއަށެވެ. އޭގެ ފަހުން 2018 ގައި ކެނެޑާ އާއި ޕެރޫ އަށް މި އެޕް ލިބޭ ގޮތް ހަދާފައިވެ އެވެ.
އަލަށް 70 ގައުމަކަށް މެސެންޖާ ކިޑްސް ލިބޭނެ ގޮތް ހެދި އިރު އޭގެ ތެރޭގައި އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި ސްރީ ލަންކާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ނޭޕާލާއި އަފްޢާނިސްތާނާއި ސިންގަޕޫރާއި ޓައިވާނާއި ޖަޕާނާއި އިންޑޮނީޝިއާ، މެލޭޝިއާ އާއި މަކާއޯ އާއި ބޫޓާނާއި އަދި މިއަންމާ އެވެ.
މެސެންޖާ ކިޑްސް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރްގެ އިތުރުން އެމެޒޯން އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ. މި އެޕަކީ ކުދިން ބޭނުން ކުރިޔަސް ބެލެނިވެރިންނަށް އޭގެ ކޮންޓްރޯލް އޮންނަ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މިއީ ފޯނު ނަމްބަރަކާ ނުލައި ހަމައެކަނި ނަން ބޭނުންކޮށްގެން ރެޖިސްޓާކުރެވޭނެ އެޕެކެވެ.