ކުޑަކުދިންގެ ބަގީޗާ އިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން އާންމުކުރި އެއް މިނެޓުގެ ވީޑިއޯގައި ފެންނަނީ ކަޅު ކުލައިގެ ޓީޝަޓަކާއި ސޯޓެއް ލައިގެން ހުރި ފިރިހެނެކެވެ. ކުޑަކުދިންގެ ބަގީޗާގެ ދެކުނު ފަރާތުގައި ހުންނަ ދޫނި ކޮއްޓަށް އޭނާ ވަދެ އެވެ. އަދި ދޫނި ގެންދިޔަ ކަމަށް ބެލެވެނީ އޭނާގެ އަތުގައި އޮތް ފެހި ކުލައިގެ ކޮތަޅެއްގެ ތެރެއަށް ލައިގެންނެވެ.

މިއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި ކަމެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓަމަންޓްގެ ނަންބަރު 9631696 އަށް ގުޅުމަށް އެދިފައިވެ އެވެ. އަދި މި މައްސަލައިގެ އިންވެސްޓިގޭޝަން ނަންބަރު ކަމަށްވާ 486858 ވިދާޅުވެ، އެ މައުލޫމާތު ހިއްސާކުރަން ވަނީ އެދިފަ އެވެ.

ވައްކަމުގެ އިތުރު ގިނަ މައްސަލަތަކެއް މި ދެ ދުވަހު ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ އެވެ. މާލޭގައި ސައިކަލެއް ވަގަށް ގެންދިޔަ މައްސަލައާ ގުޅިގެން ވެސް، އެ ކަން ކުރި މީހާ ހޯދުމަށް މިއަދު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މައްޗަންގޯޅި ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން، އެ ފިހާރަ ތެރެއަށް ވަދެ، ރޭ ވައްކަންކުރި މައްސަލައިގައި މިއަދު ވަނީ ދެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ގިނަ އަދަދެއްގެ ފޯނާ އެކު އެވެ. މާވެޔޮ މަގުގައި ހުންނަ ފޯނު ވިއްކާ އިތުރު ފިހާރައެއް ވެސް ރޭގައި ވަނީ ފަޅާލައިފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަތައް ތަހުގީގުކުރަމުންނެވެ.