ކުޑަކުދިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ހެދި ފުރަތަމަ ޕޫލް މާފުށީ ކުޑަކުދިންގެ ޕާކުގައި އިއްޔެ ހުޅުވައިފި އެވެ.
އެ ރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ "ކާނި ހޮޓެލްސް" ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހެދި މި ޕޫލަށް ގާތްގަނޑަށް ފަސް ލައްކަ ރުފިޔާ ޚަރަދު ކޮށްފައި ވެ އެވެ.
މާފުށީގެ "މާފަހިވަތި" ޕާކުގައި ހުޅުވި މި ޕޫލު ހުންނަނީ އެ ޕާކުގެ ކުޅޭ ސަރަހައްދާ ވަކިންނެވެ. މިއީ ކުޑަކުދިންނަށް މަޖާ ކުރެވޭ ޕޫލަކަށް ހެދުމަށް ސްލައިޑެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ވެސް މި ޕޫލުށް އެރެވޭނެ އެވެ.
ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ މިއީ އޭނާގެ ބިޒްނަސް ޕާޓްނަރު އަދި އަނބިކަނބަލުން އާމިނަތު އާސިމާ ސަލީމްގެ އިސްނެންގެވުމަށް ހެދި ޕޫލެއް ކަމަށެވެ. މިއީ މާފުށީގެ ގިނަ ބައެއްގެ އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރަށުގެ ވަރަށް ގިނަ މީހުން ބުނޭ ހޮޓަލުގެ ޕޫލް ފެނުނީމާ ތި ތަނަށް ދަރިންނަށް ފޭބޭނެހޭ. އެ ކުންދިން ޕޫލުގައި މަޖާކޮށްލަން ބޭނުންވެއޭ. އެހެންވެ އަޅުގަނޑުގެ އަންހެނުންނަށް އައި އައިޑިއާއެއް މިއީ. ކުޑަކުދިންނަށް ހާއްސަ ޕޫލެއް ހަދައިދޭނީއޭ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ޓޫރިސްޓު ހޮޓާ ވެސް މާފުށީގައި ހެދީ ކާނި ހޮޓެލްސް އިންނެވެ. އެ ކުންފުނީގެ ދެ ގެސްޓު ހައުސް މާފުށީގައި ހުންނައިރު، އެ ދެ ތަނުގައި ވެސް ޕޫލް ހުރެ އެވެ. އެހެންކަމުން ކުޑަކުދިންގެ ޕާކުގައި ޕޫލް ހެދުމުގެ އިތުރުން ޕޫލް ބެލެހެއްޓުމުގެ ޒިންމާ ވެސް ނަގާފައިވަނީ އެ ކުންފުނިންނެވެ.
ނަޝީދު ވިދާޅުވިގޮތުގައި، ޕޫލެއް ބެލެހެއްޓުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އެހެންކަމުން ޕޫލަށް ބޭނުންވާ ކެމިކަލް ފޯރުކޮށްދީ، ޕޫލުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޫލަށް އަޅާ ކެމިކަލްތަކަކީ ވަރަށް އަގބޮޑު އެއްޗެއް. އަޅުގަނޑުމެން މިހާރު ވެސް ދެ ޕޫލު އެބަ ބަލަހައްޓަން. އެހެންވީމާ އަޅުގަނޑުމެން މި ޕޫލުގެ ކަންތައްތައް ވެސް ބެލެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނުނީ،" ނަޝީދު ވިދާޅުވި އެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ކާނި ހޮޓެލްސް އިން އަންނަނީ މާފުށީގައި ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ރަށުގެ ކުރީގެ ކުޑަކުދިންގެ ޕާަކަކީ ވެސް އެ ކުންފުނީގެ އެހީގައި ހެދި ޕާކެކެވެ. އަދި މާފުށީގެ ހިނަވާގެ އަޅައިދިނީ ވެސް ނަޝީދުގެ ކުންފުނިންނެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެ ކުންފުނިން މިހާރު މަސައްކަތް ކުރަނީ މާފުށީގައި "ބާޑް ޕާކް"އެއް ހެދުމަށެވެ. އެކި ބާވަތްތަކުގެ ދޫންޏާއި އެ ދޫނިތައް ދިރިއުޅޭ މާހައުލުގައި ހުންނަ ތަކެތި އެ ތަނުން ފެންނާނެ އެވެ.