ކުޑަކުދިންގެ ބަގީޗާ ހަމައެކަނި ހަވީރު ހުޅުވާ މައްސަލައިގެ ކަންބޮޑުވުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލު ކަމަށް ޓުވީޓަކުން ގެނައުމާ އެކު، އެކަން ބައްލަވައި އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވައިފި އެވެ.
މިނިސްޓަރު މާރިޔާ އަށް މީހަކު ކުރި ޓުވީޓެއްގައި ބުނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ބަގީޗާ ހުޅުވަނީ ހަމައެކަނި ހަވީރު، 4:00 ން އިރުއޮއްސި 6:30 އަށް ކަމަށެވެ. އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުޑަކުދިންނަށް ހިފޭނެ ގޮތެއް ހެދުމަށް، ހުޅުވާފައި ބަހައްޓާ ވަގުތު އިތުރު ކުރަން އޭނާ އެދުނެވެ.
މިއަދު މެންދުރު ކުރި އެ ޓުވީޓަށް މިރޭ ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އަމީނީމަގުން ކަލާފާނު ސްކޫލްގެ ކުރިމަތީގައި ހަދާފައިވާ ކުޑަކުދިންގެ ބަގީޗާ ހުޅުވާ ގަޑި އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލް ބަންދު ދުވަސްތަކުގައި ހެނދުނު 7:00 އިން ހެނދުނު 10:00 އަށް ކުދަކުދިންގެ ބަގީޗާ ހުޅުވާނެ އެވެ. އަދި އަސުރު ނަމާދަށް ފަހު ހުޅުވާ ގޮތަށް، މަޣުރިބު ނަމާދުގެ ބަންގިއާ ހަމައަށް އެ ތަން ހުޅުވާފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހައްލާ މެދު ބައެއް މީހުން ހިތްހަމަޖެހިފައި ތިއްބަސް މި އަށް ވުރެ ވެސް ވަގުތު އިތުރުކޮށްދޭން އަންނަނީ އެދެމުންނެވެ. މަދު ވަގުތުތަކެއްގައި ހުޅުވާފައި އޮތުމުގެ ބަދަލުގައި ވީހާ ވެސް ގިނައިރުތަކެއް ވަންދެން ޕާކު އާއްމުކޮށް ހުޅުވާފައި ބޭއްވުމަށް އެއް ބަޔަކު އެދުނެވެ.
އަނެއް ބަޔަކު ޚިޔާލު ދިނީ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ކުޑަކުދިންގެ ބަގީޗާ ބަދަލުކޮށް ދިނުމަށެވެ. މި ހިޔާލުތަކަށް މިނިސްޓަރު އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.
ރައްޔިތުންގެ އަޑު އައްސަވައި، ކަންކަން ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާއްމުންނާ ގުޅުން ހުރި ގިނަ ކަންކަން ތަންފީޒު ކުރެއްވުމަށް ނިންމަވައި ޕްލޭނެއް ވަނީ އެކުލަވައިލައްވައިފަ އެވެ.