ގދ. ތިނަދޫ ގެސްޓްހައުސްއެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ގާނޫނީ ވަކީލު އަހުމަދު ޝާންގެ މައްޗަށް ކުރި ދައުވާ ބެލޭނެ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓާ ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބޭރުކޮށްލައިފަ އެވެ.

އެފަދަ މައްސަލައެއް ސާބިތުވާން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރާ ބާވަތުގެ ފަސް ހެކި ހުށަހަޅަން ޖެހޭ އިރު ދައުލަތުން އެ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތި މައްސަލަ ސާބިތު ކުރެވޭނެ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ކުރި ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނާއި، ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކުރީ މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދިޔުމުގައި ހެކި ވަޒަން ކުރަން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ.

ހުކުމުގައިވާ ގޮތުން، މައްސަލައި ގައި ހިމެނޭ ކުޑަކުއްޖާގެ މޭމަތިން ނެގި ސްވޮބުން ލިބުނު ޑީއެންއޭ ޕްރޮފައިލް އާއި ޝާންގެ ޑީއެންއޭ ޕްރޮފައިލް ދިމާވާ ކަމުގެ ޑީއެންއޭ ރިޕޯޓަކާއި، ޝާންގެ ފަޓުލޫނުން ލިބުނު ޕްރޮފައިލް އާއި ކުޑަކުއްޖާގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން އެނގޭ ޑީއެންއޭ ރިޕޯޓެއްގެ އިތުރުން ކުޑަކުއްޖާގެ ޖިންސުން ލިބުނު ޑީއެންއޭ ޕްރޮފައިލްގައި އިންސާނެއްގެ މަނީގެ އަސަރު ހުރިކަން ސާބިތުކުރުމަށް ޑީއެންއޭ ރިޕޯޓެއް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމެވެ.

ޑީއެންއޭ ތަހުލީލު ރިޕޯޓުތަކާއި އެ ރިޕޯޓުތައް އެކުލަވާލި މީހުންނާއި، ރިޕޯޓާ އެކު ހުށަހެޅި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުންތަކާއި، ޗެއިން އޮފް ކަސްޓަޑީ ފޯމުތައް ވެސް ހުށަހަޅާފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައި ކޯޓު ހިންގާ އިމާރާތުގެ ކުރިމަތިން ބަޔަކު ހިނގާލާފައި ދަނީ -- މިހާރު ފައިލް ފޮޓޯ
ހައި ކޯޓު ހިންގާ އިމާރާތުގެ ކުރިމަތިން ބަޔަކު ހިނގާލާފައި ދަނީ -- މިހާރު ފައިލް ފޮޓޯ

އޭގެ އިތުރުން، މައްސަލައިގައި ދައުލަތުން ޝަފަވީ 8 ހެއްކެއް ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ޝާން އާއި ކުޑަކުއްޖާ ކޮޓަރީގައި އެކަހެރިވިކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިވެރިންނެވެ. ދެން ތިބި ހަ މީހުންނަކީ، ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔަ ހަ މީހެކެވެ.

އެހެންވެ، މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ޝާންގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރުގެ ހެކި ހުރި ކަމަށް ހުކުމުގައިވެ އެވެ. މައްސަލައެއް ސާބިތުވާ ވަރަށް ހެކި ނެތް ނަމަވެސް ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުރި ނަމަ މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.

"މި މައްސަލާގައި ހުށަހެޅިފައިވާ އިސްވެ ބަޔާންކުރެވުނު ހެކިތަކަށް ބަލާއިރު، އަހުމަދު ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ކުށް އަހުމަދު ޝާންގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ކަންތައްތަކެއް ފެންނަން ހުރިކަމަށް ގަބޫލު ކުރެވެ އެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މި މައްސަލާގައި ހުށަހެޅިފައިވާ އިސްވެ ބަޔާންކުރެވުނު ހެކިތަކަށް ބަލާއިރު، އަހުމަދު ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ކުށް އަހުމަދު ޝާންގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ކަންތައްތަކެއް ފެންނަން ހުރިކަމަށް ގަބޫލު ކުރެވޭ: ހައި ކޯޓުގެ ހުކުމް

އެހެންކަމުން، ޝާންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އަލުން ބަލަން ކްރިމިނަލް ކޯޓަށް ވަނީ އަންގައިފަ އެވެ.

މި މައްސަލައިގައި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އިއްވެވި ރައުޔަށް އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސެއިން ޝަހީދު ތާއީދު ކުރެއްވި އެވެ.

ޝާންގެ ފަރާތުން އޭނާގެ ވަކީލަކު މީގެ ކުރިން ވިދާޅުވެފައި ވަނީ އަންހެން ކުއްޖާއަށް ޝާން ޖިންސީ ގޯނާ ނުކުރާ ކަމަށާއި އެ އަންހެން ކުއްޖާ ކޮޓަރިއަށް ވެއްދީ އޭނާ ކޮޓަރީގެ ފާހާނައިގައި ފެންވަރަން ހުއްޓާ ކަމަށެވެ. އެކަން ކުރީ ބަޔަކު ރާވައިގެން އޭނާ ފްރޭމްކުރަން ކަމަށް ޝާންގެ ފަރާތުން ބުނެފައިވެ އެވެ. އެ ކުއްޖާ އަކީ އެފަދަ މައްސަލަތަކުގެ މާޒީއެއް އޮތް ކުއްޖެއް ކަމަށް ވެސް ޝާންގެ ފަރާތުން ބުނެފައިވެ އެވެ. އެ ކުއްޖާއާ މެދު އޭނާ ޖިންސީ އެއްވެސް އަމަލެއް ހިންގި ކަމަށް އެ ކުއްޖާ އެއްވެސް ތަނެއްގައި ބުނެފައި ނުވާ ކަމަށް ޝާންގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޝާން ވަކީލުކަމުން ސަސްޕެންޑު ވެސް ކުރި އެވެ. ނަމަވެސް، އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ސަސްޕެންޝަން އުވާލީ އެވެ.