ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މި މައްސަލައިގެ ތުހުމަތަށް އުމުރުން 25 އަހަރުގެ ފިރިހެނަކު، އޭނާ ދިރިއުޅޭ ކޮޓަރީގައި ހުއްޓާ ހައްޔަރުކޮށް، ބަންދަށް މި މަހުގެ 12 ވަނަ ދުވަހު ވަނީ 10 ދުވަސް ޖަހައިފަ އެވެ.
ނަމަވެސް ތަހުގީގަށް ބަންދުގައި ބަހައްޓަން ދީފައިވާ މުއްދަތު ހަމަވާތީ އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ގެންދިއުމުން ގާޒީ ދީބާނާޒު ފަހުމީ ނިންމެވީ ބަންދު އިތުރު ނުކޮށް ދޫކޮށްލާށެވެ.
ކޯޓު އަމުރުގައި ވަނީ، އެ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލު އޭނާ ކުރި ކަމަށް ބެލެވޭ ސަބަބުތައް ހުރި ނަމަވެސް އޭނާ ޝަރުތުތަކާއެކު ދޫކޮށްލުމަށް ފުލުހުން ދެކޮޅު ނަހަދާ ކަމަށެވެ. އެހެންވެ، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ޝަރުތުތަކެއް ކޮށް ދޫކޮށްލީ އެވެ.
އެ މީހާ އެންމެ ފުރަތަމަ ބަންދު ކުރަން އަމުރު ކުރީ، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުނުމުންނެވެ.
ތުހުމަތު ކުރެވޭ މީހާ ކުޑަކުއްޖާ ގްރޫމް ކުރި ކަމަށް ބެލެވޭ ހެކި ވެސް ފުލުހުންނަށް ވަނީ ހޯދިފަ އެވެ. ފުލުހުން ބުނެފައިވަނީ އެ މީހާ، އެ ކުއްޖާ އަށް އެކި ކަންތައްތައް ކޮށްދޭ ކަމަށެވެ.
ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނެފައި ވަނީ އެ ކުއްޖާއާ މެދު އެއްވެސް ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ވަނީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.