މިދިޔަ ބުރާސްފަތި ދުވަހު، ބަނގަލަދޭޝްގެ ޖޫސް ތައްޔާރުކުރާ ކާރުހާނާގައި އަލިފާން ރޯވެ 52 މީހަކު މަރުވި މައްސަލައިގައި، އެ ކާރުހާނާގެ ވެރިޔާ އާއި އިތުރު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ވެރިރަށް ޑާކާގެ ނަރަޔަންގަންޖް އަވަށުގައި ހުންނަ، ހާޝިމްސް ފުޑް ލިމިޓެޑް ކިޔާ ކާރުހާނާގައި، ބުރާސްފަތި ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ގިނަ އިރުތަކެއް ހޭދަވެގެން ދިޔަ އިރު، 52 މީހަކު މަރުވެ 50 މީހަކު ވަނީ އެކި ވަރަށް ޒަހަމްވެފަ އެވެ. ހަ ބުރި އަށް ހުންނަ އެ ކާރުހާނާގައި އެންމެ ފުރަތަމަ ރޯވީ އެންމެ ތިރީ ބުރީގަ އެވެ. އެ ބުރީގައި އެކި ފާޑުގެ ކެމިކަލް އާއި ޖޫސް ބަންދުކުރާ ފުޅި އުފައްދާ ޕްލާސްޓިކްގެ ބާވަތްތައް ހުރުމުން، އިސާހިތަކު މުޅި ކާރުހާނާ އަށް އަލިފާންގަނޑު ފެތުރުނީ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ތިން މީހަކު މަރުވީ، އަލިފާނުގެ ހާދިސާގައި ގައިގެ އެކި ތަންތަން ފިހުމުގެ ސަބަބުން، ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، އިމާރާތުގެ ފުރާޅުމަތިން ފުންމައިލުމުންނެވެ. އަލިފާނުގެ ހާދިސާގައި މަރުވި އަނެއް 49 މީހުންގެ ހަށިގަނޑުތައް ވަނީ، ކާކުކަން ވަކިނުވާ ވަރަށް އަނދައި އަޅިއަށް ވެފަ އެވެ.

އިމާރާތުގެ ކޮންމެ ބުރިއެއްގެ ބޮޑުމިނުގައި 35000 އަކަފޫޓު ހުންނަ އިރު، އެ އިމާރާތަށް އަރައި ފައިބަން ހުންނަނީ އެންމެ ދެ ސިޑި ކަމަށްވާތީ، ސިޑި ހުރި ތަންތަނުގައި އަލިފާން ހިފުމުން، އިމާރާތުން ފައިބާނެ ފުރުސަތު ގިނަ މީހުންނަކަށް ނުލިބުނެވެ. ބުރާސްފަތި ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ 24 ގަޑިއިރު ވަނިކޮށް، ހުކުރު ދުވަހު މެންދުރު ފަހު އެވެ.

މި ހާދިސާއާ ގުޅިގެން ކާރުހާނާގެ ވެރިޔާ ހައްޔަރުކުރީ، މީހުން މެރުމުގެ ތުހުމަތުގަ އެވެ. އެ ކާރުހާނާގައި މަސައްކަތު މީހުންގެ ގޮތުގައި އެންމެ 11 އަހަރުގެ ކުދިން ވެސް މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރު ކުރި އަށް މީހުންގެ ތެރޭގައި، ކާރުހާނާގެ ވެރިޔާގެ ހަތަރު ފިރިހެން ދަރިން ވެސް ހިމެނެ އެވެ. ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ކުޑަކުދިން ލައްވައި އެކުދިންގެ އުމުރާ ނުގުޅޭ މަސައްކަތް ކުރުވުން ވެސް ހިމެނެ އެވެ.

ކާރުހާނާ ހުރި އަވަށުގެ ފުލުހުންގެ ވެރިޔާ ޖާއިދުލް އާލަމް ވިދާޅުވި ގޮތުގައި ކާރުހާނާގައި އަލިފާން ރޯވި ވަގުތު، އެ ތަނަށް ވަދެ ނުކެމެވޭ މައި ދޮރޯށި ހުރީ ތަޅުލައިފަ އެވެ. އޭގެ އިތުރުން، އެ ކާރުހާނާ ހިންގަމުން އައީ، އަލިފާނުން ރައްކާތެރިވުމުގެ ގަވާއިދުގެ ވަރަށް ގިނަ މާއްދާތަކާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ، މިއީ ގަސްދުގައި ބަޔަކު މަރައިލުން. އެމީހުންގެ މައްޗަށް މިހާރު ވާނީ މީހުން މެރުމުގެ ދައުވާ އުފުލާފައި."

އަލިފާން ނިއްވާ އިދާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ އިމާރާތުގެ މައި ސިޑިން ބޭރަށް ނުކުމެވޭ ގޮތަށް ހުންނަ ދޮރު ވެސް، އަލިފާން ރޯވި ވަގުތު ހުރީ ތަޅުލައިފަ އެވެ.

މިހާދިސާގައި މަރުވި އެންމެ ހަގު ކުއްޖާގެ އުމުރަކީ އެންމެ 11 އަހަރެވެ. އެ އިމާރާތުގެ ތެރެއިން ޒަހަމްތަކާ އެކު ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި 14 އަހަރުގެ ކުދިން ވެސް ހިމެނެ އެވެ.

މަސައްކަތު މީހުންގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ އަވާޖް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ނަޒްމާ އަޚްތަރު ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް ކާރުހާނާތައް ހިންގުމަކީ ބަނގްލަދޭޝްގައި އާންމު ކަމެކެވެ. އަދި ރައްކާތެރިކަމެއް ނެތި ކުޑަކުދިން ލައްވާ މަސައްކަތް ކުރުމަކީ ވެސް އެހާ އާންމު ކަމެކެވެ.

"ކުޑަކުދިން ލައްވާ މަސައްކަތް ކުރުވޭނެ ގޮތުގެ ގާނޫނެއް ވެސް އެބަ އޮވޭ. އެ ގާނޫނު ބުނާ ގޮތުން، ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ ނަމަ، ފަސް ގަޑިއިރު މަސައްކަތް ކުރުވާފައި ތިން ގަޑިއިރު ކިޔަވައިދޭން ޖެހޭނެ. އެކަމަކު ގިނަ ތަންތަނުގައި ކުޑަކުދިން ލައްވާ މަސައްކަތް އެކުރުވަނީ ބޮޑެތި މީހުންނެކޭ އެއްގޮތަށް، ހަފުތާގެ ހަތް ދުވަހު، ކޮންމެ ދުވަހަކު 10-12 ގަޑިއިރު،" ނަޒްމާ އަޚްތަރު ވިދާޅުވި އެވެ.