ސްރީ ލަންކާގައި ބޭއްވި ވެސްޓަން އޭޝިއާގެ ޔޫތު ޗެސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޒުވާން ކުޅުންތެރިން 8 މެޑަލް ކާމިޔާބުކޮށް ކުރިމަގާ މެދު އުއްމީދުއާވާނެ ފަދަ ކާމިޔާބެއް ހާސިލްކޮށްފި އެވެ.
ޗެސް އެސޯސިއޭޝަނުން ބުނީ މި ބޮޑު ކާމިޔާބީން ދައްކައިދެނީ މި ކުޅިވަރުގައި ރާއްޖޭގައި އާލާވަމުން އަންނަ ހުނަރާއި، ވާދަވެރިކަން ކަމަށެވެ. މުޅި ދުނިޔޭން ވެސް ޗެސްގައި ކާމިޔާބު ގައުމުތަކުގެ ތެރޭ ހިމެނޭ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އީރާނާއި އުޒްބެކިސްތާނާއި، ކިރްގިސްތާން ވާދަކުރި މުބާރާތުގައި ރާއްޖޭން ހޯދީ ދެ ރިހި މެޑެއްޔާއި، ހަ ލޯ މެޑެއްޔެވެ.
ރާއްޖެ އަށް އެންމެ ބޮޑު ކާމިޔާބެއް ހޯދައިދިނީ އުމުރުން 8 އަހަރުން ދަށުގެ އޯޕަން ބައިގައި ވާދަކުރި އިސްމާއީލް އާކިން ހަސަން އާއި ޔޫސުފް ލިހާމް އަހުމަދެވެ. އެ ދެ ކުޅުންތެރިން ހޯދައިދިނީ ރިހި މެޑެއްޔެވެ.
މުބާރާތުގެ 12 އަހަރުން ދަށުގެ އޯޕަން ބައިން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިނީ މުހައްމަދު ލޫތު އިސްމާއީލާއި، މުހައްމަދު ޔޫއާން ޔަކްސަން އެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އޯޕަން ބައިން ލޯ މެޑަލް ހޯދައިދިން ދެ ކުޅުންތެރިންނަކީ މުގްސިތު މުހައްމަދު މަހްފޫޒާއި، މުހައްމަދު އައިދިން މުންތަޒިމް އެވެ. ސާދަ އަހަރުން ދަށުގެ އަންހެން ބައިން ލޯ މެޑަލް ހޯދައިދިނީ އައިމިނަތު ސާރާ ހަލީމާއި، އީނާ އަބްދުﷲ ހަސަން އެވެ.
ޖުމްލަ 10 ގައުމުން 330 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވި މި މުބާރާތުން ރާއްޖޭން، އެންމެ އެކަށީގެންވާ ތައްޔާރީތަކެއް ނުވެވި މިހާ ބައިވަރު މެޑަލް ހޯދުމަކީ މިވަގުތު އުފާވެރި އަދި ކުރިމަގަށް އެއަށް ވުރެ އުފާވެރި ކަމެއް ކަމަށް އެސޯސިއޭޝަންގެ ހަޒާންދާރު ނޫހު އަލީ ވިދާޅުވި އެވެ.
"މާލީ ހާލަތު ހުރި ގޮތުން ކޯޗެއް ވެސް ނުލާ މުބާރާތަށް ދިޔައީ. އެންމެ ބޭނުންވާ ގޮތަކަށް ތައްޔާރެއް ވެސް ނުވެވުނު. އެ ހުރިހާ ކަމަކާ ބަލާއިރު މިވަރުގެ ކާމިޔާބެއް ލިބުމަކީ ބޮޑު އުފަލެއް،" ނޫހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ކާމިޔާބީގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ކުދިންގެ މައިންބަފައިންނަށް ކަމަށާއި، ތައްޔާރުވުމަށާއި، މުބާރާތަށް ދިއުމަށް ވެސް ބެލެނެވެރިން ހަރަދުވެސް ކުރި ކަމަށެވެ.
"އަޅުގަނޑުމެންނާ އެކު ބެލެނެވެރިން އެގޮތަށް ތިބިއްޔާ އިރާދަކުރެއްވިއްޔާ މި ކުޅިވަރު ދާނީ ކުރިއަށް. ދެން އޮންނަ މުބާރާތެއްގައި މިއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ،" ނޫހު ވިދާޅުވި އެވެ.