ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ބާވަތްތައް އެތެރެކޮށް ވިއްކާތީ ހުއްދަ ނަގަން ޑިފެންސް މިިނިސްޓްރީން މުއްދަތެއް ދީފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ނުރައްކާތެރި ކެމިކަލް ގުދަންކޮށް، ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި އެކި ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ގުދަންކޮށް ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް ފުރުސަތު ބޮޑު ކަމެއް ކަމުން ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެގޮތުން ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދުމަށާއި ކެމިކަލް ވިއްކުމަށްޓަކައި ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީން ބުނެފައި ވާއިރު، ހުއްދަ ދޫކުރާނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށް ފަހު، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ހުއްދަ ނެގުމަށް މަސް ދުވަހުގެ މުއްދަތެއް ދީފަައިވާއިރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މާލޭގައި ހިނގި އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ހުރުމުން މީހުން ވެސް މަރުވެފައިވެ އެވެ.
މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމީ، ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ 2019 ވަނަ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހުގަ އެވެ. އެ ހާދިސާގައި އެކަކު މަރުވި އިރު، މީހުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ޑިފެންސް މިނިސްޓްރީން އެންމެ ފަހުން ދިން މައުލޫމާތުގައިވާ ގޮތުން، ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަައެއް މާލޭގައި އެބަހުއްޓެވެ. މާލޭގައި ކެމިކަލް ގެންގުޅޭ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށް ތޯ ބަލަން ޑިފެންސް މިނިސްޓްރީން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ.