ދުވާލުގެ ގިނަ ވަގުތު ފޯނާއި ކޮމްޕިއުޓަރު ނުވަތަ ޓެބްލެޓަށް ބަލަހައްޓައިގެން ކުދިން ތިބޭތީ އެކުދިންގެ ލޮލަށް ލިބޭނެ ގެއްލުމާ މެދު ފިކުރުކުރެވޭ ހެއްޔެވެ؟ މިކަމަށް އޮތް ހައްލެއް ސައިންސްވެރިން މިހާރު ވަނީ ބުނެދީފަ އެވެ. އެއީ ދުވާލަކު ދެ ގަޑިއެއްހާއިރު ގެއިން ބޭރުގެ ހުސް ތަނެއްގައި ކޮންމެވެސް ކުޅިވަރެއް ކުޅެލާނެ ފުރުސަތު ހޯދައި ދިނުމެވެ.

މަޔޯޕިއާ ނުވަތަ ދުރު ސާފުކޮށް ނުފެނުމަކީ ލޮލުގެ މައްސަލައެކެވެ. މިހެން ދިމާވަނީ ލޮލުގެ ތެރެއަށް އަލި ވަންނަ ތަނުން ސީދާ ރެޓިނާއަށް ފޯކަސް ނުވެ އޭގެ ކުރިމައްޗަށް ފޯކަސް ވާތީ އެވެ. އެހެންވުމުން ކުރިމަތިން ފެންނަން ހުންނަ އެއްޗަކަށް ދުރުން ބަލާއިރު ރަނގަޅަކަށް ފޯކަސްއެއް ނުކުރެވެ އެވެ. ނަމަވެސް ކައިރިގައި ހުންނަ އެއްޗަކަށް ބަލާއިރު ރަނގަޅަށް ފޯކަސް ކުރެވި، ސާފުކޮށް ފެނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް ދިމާވަނީ ލޮލަށް ގުދުރަތީ އަލި ލިބޭލެއް މަދުވީމަ އެވެ.

"މިކަން ދިމާވާ އެންމެ މައިގަނޑު ސަބަބަކީ ލޮލަށް އަވި ނުލިބުން. އަދި ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރާ ކުދިންނާއި ކޮމްޕިއުޓަރާއި ޓެބްލެޓް އަދި ފޯނަށް ބަލަން ގިނައިރު ތިބޭ ކުދިންނަށް އަވިދީފައި އޮންނަ ވަގުތު ބޭރަށް ނުކުމެ ކުޅެލާ އުޅެން ލިބޭ ފުރުސަތު މަދު،" ލަންޑަންގެ މޯފީލްޑްސް އައި ހޮސްޕިޓަލުގެ ލޮލުގެ ޚާއްސަ ޑޮކްޓަރަކު، ބީބީސީ ހެލްތު އަށް ވިދާޅުވި އެވެ.

މިޒަމާނުގައި ކުދިން ސްކްރީނަށް ބަލާ ވަގުތު މަދުކުރުމަކީ މައިންބަފައިންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގެއިން ބޭރަށް ވީހާވެސް ގިނައެއްކޮށް ކުދިން ނެރެ އަވި ލިބޭ ހާމަ ތަނެއްގައި ކުޅެން ބޭތިއްބުމެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ޕްރޮފެސަރަކު ވިދާޅުވި ގޮތުގައި މަޔޯޕިއާ އަކީ މިހާރު ވަރަށް އާއްމު ބައްޔެއްކަން ފާހަގަކުރެވެ އެވެ.

މަޔޯޕިއާ އިން ދިފާއުވުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަމަކީ ހާމަ ތަނެއްގައި އުޅޭނެ ވަގުތު ކޮންމެ ދުވަހަކު ވެސް ލިބުމެވެ. ކުޅިވަރެއް ކުޅެން ނުވަތަ އަރާމުކޮށްލަން ނަމަވެސް ހާމަ ތަނެއްގައި ކޮންމެ ދުވަހަކު ވެސް ވަގުތު ހޭދަކުރަން ލިބުމަކީ މި މައްސަލައަށް ގުދުރަތީ ގޮތުން ހޯދިދާނެ ހައްލެއްކަން ޕްރޮފެސަރު ވެސް ފާހަގަކުރެއްވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ ހަފުތާއެއްގެ ހުރިހާ ދުވަހަކު ވެސް ދުވާލަކު ދެ ގަޑިއެއްހާއިރު ކުދިންނަށް އައުޓްޑޯގައި ތިބެވޭނެ ގޮތް ހަމަޖެއްސުން. އޭރުން ދުރު ނުފެންނަ މައްސަލަ އިން ދިފާއު ވެވޭނެ،" ޕްރޮފެސަރު ވިދާޅުވި އެވެ.

މީގެ އިތުރުން އޮމެގާ-3 އެސެންޝިއަލް ފެޓީ އެސިޑްސް، ވިޓަމިން އޭ، ސީ އަދި އީ އާއި ލޮލަށް ބޭނުންވާ ފައިދާ ހުރި މާއްދާތައް އެކުލެވޭ ކެއުން ދިނުމަކީ ވެސް ލޮލުގެ ސިއްހަތު ރަނގަޅުކުރަން ވަރަށް ބޭނުންތެރި ކަމެކެވެ. ކޮންމެ އަހަރަކު އެއް ފަހަރު ލޮލުގެ ޗެކްއަޕެއް ހެދުމަށް ވެސް ތަޖުރިބާކާރުން އިރުޝާދު ދެއްވަ އެވެ.