ކައިވެނިކުރިޔަސް ކުރީގެ ލޯބިވެރިޔާއާ އޮތް ގުޅުން ހަމަ އެގޮތަށް އޮންނާތީ ސިއްރުން އޭނާގެ ގާތަށް ދާން ބިންގަރާހެއް ހަދައިގެން ދުވަސްތަކެއް ވަންދެން އުޅުނު މެކްސިކޯގެ ބައެއްގެ މައްސަލަ ފަޅާއަރައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަމޭލާ ކިޔާ ލޯބިވެރިޔާ އަށް ޒިޔާރަތްކުރަން، ރޭނުމުގެ މަސައްކަތްކުރާ އަލްބާޓޯ ބިންގަރާސް ހަދާފައި އޮތީ އޭނާގެ ގޭތެރެއިން ލާފައި ދެވޭ ގޮތަށް ކަމަށެވެ. ލޯބިވެރިޔާ އަކީ އަވަށްޓެރިއެކެވެ.
އަލްބާޓޯގެ ލޯބިވެރިޔާ ޕަމޭލާ އަކީ ވެސް ކައިވެނިކޮށްގެން ހުރި މީހެކެވެ. އެ ދެ މީހުންގެ ބައިވެރިންނަށް ސިއްރުން އެތައް ދުވަހެއް ވަންދެން ގުޅުން ބާއްވަމުން ދިޔައީ ބިންގަރާހުގެ ތެރެއިން ލާފައި ޕަމޭލާގެ ގެއަށް ގޮސްގެންނެވެ. ޕަމާލޭ އާއި އަލްބާޓޯ ބައްދަކުރަމުން ދިޔައީ ޕަމާލޭގެ ފިރިމީހާ ޖޯޖް ވަޒީފާ އަށް ގޮސް ޑިއުޓީގައި ހުންނަ ވަގުތުތަކުގަ އެވެ. ޖޯޖަކީ ސެކިއުރިޓީ ގާޑެކެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަލްބާޓޯ އާއި ޕަމޭލާގެ ސިއްރު ގުޅުން މިދިޔަ މަހުގެ ފަހުކޮޅު ފަޅާއެރީ ޑިއުޓީގައި ހުރެފައި، އާންމުކޮށް ގެއަށްދާ ގަޑިއަށް ވުރެ އަވަހަށް ޖޯޖަށް ދެވުމުންނެވެ. އެ ދުވަހު ޖޯޖް ގެއަށް ވަން އިރު ސިޓިގެ ރޫމްގެ ސޯފާގެ ބިތްދޮށުގައި މީހަކު ފިލައި އޮތްހެން ހީވި އެވެ. ގޮސް ބެލި އިރު އެތަނުގައި އޮތީ އަވަށްޓެރި އަލްބާޓޯ އެވެ. އަދި އޭނާ ފިލާފައި އޮތް ދިމާލުން ބިންމަތިން ޖޯޖަށް ކުރިން ފާހަގަނުކުރެވޭ ތަނެއް ފެނުނެވެ. އެއީ ބިންގަރާހުގެ ދޮރެވެ. އެތަނުން ވަދެގެން ގޮސް އޭނާ އަށް ވަދެވުނީ އަލްބާޓޯގެ ގެއަށެވެ.
މި މައްސަލަ ފަޅާއެރުމާ އެކު ޖޯޖް ވަނީ އަލްބާޓޯގެ ހަގީގަތް އޭނާގެ އަންހެނުންނަށް ވެސް ކިޔައި ދީފަ އެވެ. އަދިި ޖޯޖާއި އަލްބާޓޯ ޒުވާބުކޮށް މާރާމާރީ ވެސް ހިންގި އެވެ. އެންމެ ފަހުން މައްސަލަ ޕޮލިހާ ހަމައަށް ވެސް ދިޔަ އެވެ. ޕޮލިހުން އަންނަނީ އަލްބާޓޯ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން، ޖޯޖާއި ޕަމާލޭގެ 20 އަހަރުވީ ކައިވެނި ވަނީ ރޫޅާލައިފަ އެވެ. ޖޯޖް ބުނީ އަނބިމީހާގެ ބޭވަފާތެރިކަމާ ހެދި 20 އަހަރުގެ ކައިވެނި ދެ ސިކުންތެއްހާ ތެރޭގައި ރޫޅާލަން ޖެހުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ.