އަނބިމީހާ ބޭވަފާތެރިވީ އޭނާގެ ލޯބިވެރިޔާގެ ސަބަބުން ކަމަށް ބުނެ އެމެރިކާ މީހަކު ދައުވާކޮށް އަނބިމީހާގެ ލޯބިވެރިޔާގެ އަތުން ބަދަލެއްގެ ގޮތުގައި 750،000 ޑޮލަރު ހޯދައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި އަންހެނުން ވަގު ލޯބިވެރިއެއް ގެންގުޅެ، ބޭވަފާތެރިވި މައްސަލާގައި އަންހެން މީހާގެ ލޯބިވެރިޔާ އަށް ފިރިމީހާ ދައުވާކުރީ އޭނާގެ ކައިވެނި "ހަލާކުކޮށްލި" މައްސަލައިގަ އެވެ.
މި މައްސަލާގައި، ނޯތު ކެރޮލައިނާ އަށް ނިސްބަތްވާ ކެވިން ހަވާޑަށް ބަދަލެއްގެ ގޮތުގައި 750،000 ޑޮލަރު ނަގައިދިން އިރު، ދައުވާކޮށްފައި ވަނީ "އޭލިއެނޭޝަން އެފެކްޝަން" ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ "ހޯމްރެކާ" ގާނޫނުގެ ދަށުންނެވެ.
އަށާރަ ސަތޭކައިގެ އަހަރުތަކުގައި ތައާރަފުކޮށްފައިވާ މި ގާނޫނު އެމެރިކާގައި މިހާރު ތަންފީޒުކުރަމުން އަންނަނީ ވަރަށް މަދު ސްޓޭޓްތަކެއްގަ އެވެ. އެއީ ހަވާއީ، މިސިސިޕީ، ނިއު މެކްސިކޯ، ސައުތު ޑަކޯޓާ އަދި ޔުޓާ އެވެ.
ކައިވެނި ރޫޅުނު މައްސަލާގައި ކެވިން ބުނީ ދެ ދަރިން ލިބިފައި ވަނިކޮށް، 12 އަހަރުވީ ކައިވެނި ރޫޅައިލަން އަންހެނުން ކުއްލިއަކަށް ބޭނުންވެގެން އެ ވާހަކަ ދެއްކުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށެވެ. އަދި މައިގަނޑު އުޒުރަކަށް ދެއްކީ ކެވިން މަސައްކަތުގައި މާ ބިޒީކޮށް އުޅޭތީ، ވަގުތު ނުދެވުން ކަމަށް ބުންޏެވެ.
ނަމަވެސް ކައިވެނި ސަލަމާތްކުރެވޭތޯ ކުރި މަސައްކަތުގެ ތެރޭގައި ކައުންސެލިން ހޯދައިގެން ވެސް އެދެވޭ ހައްލެއް ނުލިބުމުން ޕްރައިވެޓް އިންވެސްޓިގޭޓަރަކު ލައްވައި ހޯދިހޯދުންތަކުން އެނގުނީ އަންހެނުން ވަގު ލޯބިވެރިއެއް ގެންގުޅޭ ކަމެވެ. އަދި ކެވިން އަށް އެންމެ ބޮޑު ސިހުމަކަށްވީ އޭނާގެ އަންހެނުންގެ ލޯބިވެރިޔާއަކީ ގެއަށް ވެސް އާންމުކޮށް ގޮސް އެ ދެމަފިރިންނާ ގާތްގުޅުމެއް ވެސް ބާއްވަމުން ދިޔަ މީހެއްކަން އެނގުމެވެ.
"އެ ފިރިހެން މީހާ އަކީ އަންހެނުން ވަޒީފާ އަދާކުރާ ތަނުގައި އެކީގައި މަސައްކަތްކުރާ މީހެއް. އޭނާ އަކީ އަހަރެމެންގެ ގެއަށް އައިސް ކައި ވަރަށް ގިނައިން ވާހަކަ ވެސް ދައްކައި އުޅޭ މީހެއް. އެހެންވެ އަހަރެން ވެސް ބެލީ ލ ގާތް ރައްޓެއްސެއް ކަމަށް،" ކެވިން ބުންޏެވެ. "އެކަމަކު ހަގީގަތަކީ އެއީ ނޫންކަމާއި އަހަރެންގެ ކައިވެނި ރޫޅުމުގެ ފަހަތުގައި ހުރީ އޭނަކަން އެނގުނީމަ ދައުވާކުރަން ނިންމީ."
ކެވިން ބުނިގޮތުގައި އަންހެނުން ބޭވަފާތެރިވި މައްސަލާގައި ފައިސާގެ ބޮޑު އަދަދެއް ލިބުނަސް އެއީ އެހާ އުފާކުރާ ކަމެއް ނޫނެވެ.
"ކައިވެނީގެ ގުޅުމަކީ ސާފު ތެދުވެރި ގުޅުމަކަށް ވާން ޖެހޭނެ،" އޭނާ ބުންޏެވެ. "އަހަންނަށް ދިމާވި މައްސަލާގައި ދައުވާކުރަން ނިންމީ އެތައް ބައެއްގެ ހައްގުގައި. ކޯޓްގެ މި ނިންމުކީ ގިނަ ބަޔަކަށް ފިލާވަޅަކަށް ވާނެ."