މައްކާ (ޖުލައި 6) - ހައްޖާއި އުމްރާ އަށް މީހުން ގެންދާ އަމިއްލަ ޖަމާއަތްތަކުން މަކަރު ހަދާ އޮޅުވާލާ ކަމުގެ ޝަކުވާ ރާއްޖޭގައި ވެސް ބޮޑެވެ. އެއްބަސްވެފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ނެގުމާއި މައްކާ އާއި މަދީނާގައި ހޮޓާތަކުން ލިބޭނެ ކަމަށް ބުނާ ޚިދުމަތްތައް ނުލިބުމާއި ހަރަމްފުޅާ ކައިރިން ހޮޓާ ހަމަޖައްސާނެ ކަމަށް ބުނެ އެ ކަން އެ ގޮތަށް އިންތިޒާމްކޮށްދީފައި ނުވާ ކަމުގެ ޝަކުވާ އެވެ.
އެކަމަކު މިއީ ރާއްޖޭގެ ހައްޖު ޖަމާއަތްތަކުން އެކަނި ކުރާ ކަމެއް ނޫނެވެ. މި އަހަރުގެ ރޯދަ މަހުގެ އުމްރާގެ އަޅުކަމަށް މައްކާ ގޮސް ތިބި ބިދޭސިންގެ ވަރަށް ގިނަ މީހުން ވަނީ އެ މީހުންގެ އެޖެންޓުން އޮޅުވާލާފައިވާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.
އުމްރާ އަށް ގޮސް ހުރި މިސްރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ރަޖަބު ބުނީ އޭނާ ފައިސާ ދެއްކި އުމްރާ ކުންފުނިން އެއްބަސްވެފައި ވަނީ މައްކާގެ މެދުތެރޭން ހޮޓާ ހަމަޖައްސައިދޭނެ ކަމަށެވެ. އެއީ ހަރަމްފުޅުގައި ފަސް ވަގުތު ނަމާދު ކުރަން ފަސޭހައަކަށް ކަމަށް ރަޖަބު ބުންޏެވެ.
"އަހަރެންނަކީ އުމުރުން ދުވަސްވީ މީހަކަށްވާތީ ހަރަމްފުޅާ ދުރު ހޮޓަލެއްގައި ހުރެ ކޮންމެ ނަމާދަކަށް ޓެކްސީގައި މިސްކިތަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން،" މައްކާ ޑެއީލީއާ ވާހަކަ ދައްކަމުން ރަޖަބު ބުންޏެވެ. "އުމްރާ އަށް މީހުން ގެންދާ އެޖެންޓް ގާތުގައި އަހަރެން ބުނެފައިވާނީ ހަރަމްފުޅާ ވީހާ ވެސް ކައިރިން ހޮޓަލެއް ހަމަޖައްސައިދޭން. އެކަމަކު މައްކާ އަށް ދިޔަ ފަހުން މި އެނގުނީ ހޮޓާ ހުރީ ހަރަމްފުޅާ ވަރަށް ދުރުގައި. މިއީ ކަނޑައެޅިގެން މަކަރު ހެދުން."
އުމްރާ އަށް ގޮސް ހުރި އެހެން މީހެއް ކަމަށްވާ ސުލައިމާން އިބްރާހިމަށް ވެސް ވަނީ މިފަދަ ތަޖްރިބާއެއް ކުރަން ޖެހިފަ އެވެ.
"އަހަރެން އުމްރާ އަށް އަންނަ ކޮންމެ ފަހަރަކު އެޖެންޓް ގާތުގައި އެދެން މައްކާގެ މެދުތެރޭން ހޮޓާ ހަމަޖައްސައިދޭން. ހަރަމްފުޅާ ކައިރީގެ ހޮޓަލަކަށް ކޮންމެ އަގެއް ދޭން ވެސް އަހަރެން ތައްޔާރު،" ސުލައިމާން ބުންޏެވެ. "މި ފަހަރު އަހަރެން މައްކާ އަށް އައި އިރު މި ވަނީ ވަރަށް އާދައިގެ ހޮޓަލެއް ހަމަޖައްސައިފައި. ޚިދުމަތްތައް ވެސް ވަރަށް ދަށް. އަހަރެން އެ ހޮޓަލުގައި ހުންނަން ދެކޮޅު ހެދިން. އެއީ އަހަރެން ދެއްކި އަގާ އެއް ފެންވަރުގެ ހޮޓަލަކަށް ނުވާތީ."
ސުލައިމާން ބުނީ އޭނާ ފައިސާ ދެއްކީ ހަރަމްފުޅާ ކައިރި ހޮޓަލެއްގައި ހުރުމަށް ކަމަށާއި އަދި ޚިދުމަތް ވެސް ރަނގަޅަށް ދޭން އެޖެންޓަށް ޝަރުތުކޮށްފައި ކަމަށެވެ. އަދި އެޖެންޓާ ދެކޮޅަށް ޝަކުވާ ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.
މައްކާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ބޯޑު ޑިރެކްޓަރެއް ކަމަށްވާ ސާދު އަލް ގުރައިޝީ ވިދާޅުވީ މިފަދަ ކަންކަން މެދުވެރި ވަނީ ސީދާ ހައްޖު ގްރޫޕާ މުއާމަލާތް ކުރުމުގެ ބަދަލުގައި ތިން ވަނަ ފަރާތެއް މެދުވެރިވެގެން އިންތިޒާމްތައް ހަމަޖައްސާތީ ކަމަށެވެ.
"ހައްޖަށް ނުވަތަ އުމްރާ އަށް ދާން މީހުން ސީދާ އެޖެންޓުންނާ އެއްބަސްވުމެއް ނުހަދާ. އެ މީހުން އެކަން ކުރަނީ ތިން ވަނަ ފަރާތެއް މެދުވެރިކޮށް. އަދި މި ގޮތަށް ބްރޯކަރުންގެ ގޮތުގައި އުޅޭ މީހުން ދަނީ ބޮޑު އަގު ނަގާ އަދި ރަނގަޅު ޚިދުމަތް ދޭނެ ކަމަށް ބުނަމުން،" ގުރައިޝީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައްޖު ޖަމާއަތްތަކާ އެކު އެއްބަސްވުމަކަށް އައުމުގެ ކުރިން މައްކާގެ ހޮޓާތަކުގެ އަގުތަކާއި ޚިދުމްތަތްތަކާ ބެހޭ މައުލޫމާތު ކޮންމެވެސް ގޮތަކުން ހޯދުން މުހިންމު ކަމަށެވެ.
ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ތަރުޖަމާން ހާތިމް ގާދީ ވިދާޅުވީ ހައްޖާއި އުމްރާ އަށް އަންނަ މީހުންނާއި އެޖެންޓުންނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޝަކުވާ ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލާ ކަމަށެވެ. އަދި އެ ގޮތަށް ފިޔަވަޅު އެޅޭނީ ސައުދީގެ އެޖެންޓުން މަކަރު ހަދާ ނަމަ ކަމަށާއި ގައުމުން ބޭރު އެޖެންޓުން މަކަރު ހެދި ނަމަވެސް ސައުދީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.