އޮންލައިން ނޫސް، ސީއެންއެމް އަށް ސިޔާސީ ޕްރެޝަރުތައް ކުރިމަތިކޮށް އެ ނޫސް ހުއްޓުވާލި މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ދޮށަށް އެއްވެ ނޫސްވެރިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނޫސްވެރިންގެ އެއްވުމުގައި ސީއެންއެމްގެ މުވައްޒަފުން ވަނީ އެހެން ނޫސްވެރިންނަށް ކަދުރު ވެސް ބަހައިފަ އެވެ. މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި، ފަސް އަހަރަށް ފަހު ސީއެންއެމް ބަންދުކޮށް މުވައްޒަފުން ގެ އަށް ފޮނުވާލަން މަޖުބޫރުކުރުވީ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހިންގަވާ ޖަމިއްޔާއަކުން ކޮރަޕްޝަން ހިންގާ ކަމަށް އެ ނޫހުން ރިޕޯޓްކުރަން ފެށުމުންނެވެ. އޭގެ ތެރޭގައި ސައޫދީން ހަދިޔާ ކުރި ކަދުރުގެ އިތުރުން ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ ބައެއް ފަސްޓް ލޭޑީގެ ބޭނުންފުޅަށް ނަންގަވާފައިވާ ކަމަށް އެ ނޫހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެމްއެމްސީ އަށް އެއްވި ނޫސްވެރިން ބުނި ގޮތުގައި މިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން އެތައް ހުރަސްތަކެއް އެކި ގޮތްގޮތުން ދަނީ ކުރިމަތި ކުރަމުންނެވެ. ސީއެންއެމް ހުއްޓުވުމަކީ ނޫސްވެރިކަމުގެ ގޮންޖެހުންތަކަށް އިތުރުކުރި ބޮޅެއް ކަމަށް ނޫސްވެރިން ދެކެ އެވެ.
މީގެ ކުރިން، ކޯޓު އަމުރެއްގެ ދަށުން ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް "ހަވީރު" ހުއްޓުވާފައިވާ އިރު އައްޑޫ ލައިވްގެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް ޖައްސާލަން ކުރި ކަމެއް ކަމަށް ވެސް ނޫސްވެރިން ބުންޏެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ނުދާ މިންވަރަށް ރާއްޖޭގެ ނޫސްވެރިކަން ދަށަށް ގޮސް، ނޫސްވެރިކަމަށް "ބަނަ ދުވަސްތަކެއް" ކުރިމަތިވެފައިވާ ކަމަށެވެ. އެމްއެމްސީ އަށް ނޫސްވެރިން އެއްވީ ސީއެންއެމާ އެކު ތިބި ކަން ހާމަކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ފިއްތުންތަކާ އެކު ތިން މީޑިއާ އޯގަނައިޒޭޝަން ބަންދުކުރަން ޖެހުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލައެއް،" ޒަހީނާ ވިދާޅުވި އެވެ.
ސީއެންއެމްގެ ސީނިއަ އެޑިޓަރު މިސްބާހު ވިދާޅުވީ އެތަން ހިންގަވަމުން ދިޔަ ވެރިންނަށް ސަރުކާރުގެ ފަރާތުން އެތައް ޕްރެޝަރެއް ކުރިމަތިކުރުވި ކަމަށެވެ. ސީއެންއެމްގެ ހިއްސާދާރު މުހައްމަދު އަލީ ޖަނާހަކީ ވިޔަފާރި ކުރާ ބޭފުޅަކަށް ވެފައި، އޭނާގެ ވިޔަފާރި ބަނގުރޫޓް ކޮށްލަން ސީއެންއެމްގެ ނޫސްވެރިން ބޭނުން ނުވާ ކަމަށް ވެސް މިސްބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީއެންއެމް ހުއްޓުވުމުން އެ ނޫހުގެ ނޫސްވެރިންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. އެއްވެސް މުވައްޒަފަކު ތިބީ ނޫސްވެރިކަން ހުއްޓާލާ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީއެންއެމް ހުއްޓުވާލުމަކީ ސީއެންއެމްގެ ނޫސްވެރިންނަށް ލިބުނު އިތުރު ހިތްވަރެއް،" މިސްބާހު ވިދާޅުވި އެވެ.
ސީއެންއެމްގެ އެޑިޓަރު އިސްމާއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ސަރުކާރަށް ސަނާ ކިޔާ ނޫހަކަށް ސީއެންއެމް ބަދަލު ކުރުމަށް، ކުރި މަސައްކަތް ކާމިޔާބު ނުވުމުން ދެން ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން މަސައްކަތް ކުރީ ސީއެންއެމް ވުޖޫދުން ނެތިކޮށްލުމަށެވެ.
"ސަރުކާރުގެ ތެރެއިން އަޅުގަނޑަށާއި ސީއެންއެމްގެ ޓީމަށް ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސީއެންއެމްގެ މެޖޯރިޓީ ހިއްސާދާރަށް އިތުރަށް ކުރިއަށް ނުގެންދެވޭ ވަރަށް މަޖުބޫރު ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނި އުވާލުމަށް ރޭގެ ވަގުތެއްގައި ވަނީ ނިންމައިފަ އެވެ." އިސްމާއިލް ވިދާޅުވެފައި ވެ އެވެ.