އޮންލައިން ނޫސް، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ހުއްޓުވާލި މައްސަލަ ބަލަން ޖެހޭ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެ ނޫސް ހުއްޓުވާލާފައިވަނީ "ރިޝްވަތު ދީގެން އަދި ރިޝްވަތު ހިފައިގެން"ނެވެ. އަދި އެކަން ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން ފެށިގެން ނެރެމުން އަންނަ ސީއެންއެމް ހުއްޓާލީ ސަރުކާރުގެ ނުފޫޒު ފަދަ ފަރާތްތަކުގެ ސަބަބުން ކަމަށް އެ ނޫހުގެ އެއް ހިއްސާދާރު އަދި އެޑިޓަރު އިސްމާއިލް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

އިސްމާއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ސަރުކާރަށް ސަނާ ކިޔާ ނޫހަކަށް ސީއެންއެމް ބަދަލު ކުރުމަށް، ކުރި މަސައްކަތް ކާމިޔާބުނުވުމުން ދެން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން މަސައްކަތް ކުރީ ސީއެންއެމް ވުޖޫދުން ނެތިކޮށްލުމަށެވެ. "ސަރުކާރުގެ ތެރެއިން އަޅުގަނޑަށާއި ސީއެންއެމްގެ ޓީމަށް ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސީއެންއެމްގެ މެޖޯރިޓީ ހިއްސާދާރަށް އިތުރަށް ކުރިއަށް ނުގެންދެވޭ ވަރަށް މަޖުބޫރު ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނި އުވާލުމަށް ރޭގެ ވަގުތެއްގައި ވަނީ ނިންމައިފަ އެވެ." އިސްމާއިލް ވިދާޅުވެފައި ވެ އެވެ.