މިއުނިކް (އޭޕްރީލް 16) - ބެޔާންގެ ދަނޑުގައި 4-3 އިން ބަލިވެގެން، 6-4 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓީ ރެފްރީގެ އިންސާފެއް ނެތް ނިންމުންތަކުކގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު އަލްވަރޯ އާބެލޮއާ ބުނެފި އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-1 އިން ބެޔާން ކުރީގައި އޮވެ އެވެ.
ބެޔާންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު މެޗުގެ ފުރަތަމަ މިނިޓުގައި އާޑާ ގޫލާ ރެއާލަށް ލީޑު ނަގައިދިން އިރު ހަވަނަ މިނިޓުގައި އަލެކްސެންޑާ ޕަވްލޮވިޗް ވަނީ ބެޔާނަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި 29 ވަނަ މިނިޓުގައި ގޫލާ އިތުރު ލަނޑެއް ޖަހައިދީފައި ވަނިކޮށް ހެރީ ކޭން ވަނީ 38 ވަނަ މިނިޓުގައި ބެޔާނަށް އެއްވަރު ކޮށްދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 42 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި ރެއާލަށް އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
އިތުރު ވަގުތުގެ ކުޅުމަށް ދާނެ ކަމަށް ލަފާ ކޮށްގެން ތިއްބައި ރެއާލަށް މައްސަލަ ދިމާވީ 86 ވަނަ މިނިޓުގައި އެޑުއާޑޯ ކަމަވިންގާ އަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. އޭގެ ތިން މިނިޓު ފަހުން ލުއިސް ޑިއާޒް ވަނީ ބެޔާނަށް އެގްރިގޭޓުން ކުރި ހޯދައިދީފަ އެވެ. އަދި އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި ބެޔާންގެ ފަހު ލަނޑު ޖަހައިދިނީ މައިކަލް އޮލީސޭ އެވެ.
"ވަރަށް އަސަރު ކޮށްފި، ވަރަށް އަސަރު ކޮށްފި. ހާއްސަކޮށް ކަން ވެގެން ދިޔަ ގޮތުން. އަހަރެން ބެޔާން އަށް މަރުހަބާ ކިޔަން އެމީހުންގެ ކުޅުމަށް، އެކަމަކު މިއީ އަހަރެމެން ބަލިވާނަމަ ބަލިވާން އުންމީދުކުރި ގޮތެއް ނޫން،" ހިތްހަމަނުޖެހިފައި ހުރެ އާބެލޮއާ ބުންޏެވެ.
"އެއީ ކީއްވެ ދެއްކި ރަތްކާޑެއް ކަމެއް އެކަކަށް ވެސް ނޭނގުނު. އެހެންވެ އިންސާފުވެރި ނޫން ކަމުގެ އިހުސާސާ އެކު ރުޅިގަދަވީ. އަހަރެމެން ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔައީ ރެފްރީގެ އެ ނިންމުމުގެ ސަބަބުން."
މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ރެފްރީގެ ނިންމުމާ ދެކޮޅު ހަދައި އިހުތިޖާޖް ކޮށްފަ އެވެ. މިއާ ގުޅިގެން ގޫލާ އަށް ރެފަރީ ވަނީ ރަތް ކާޑެއް ވެސް ފަހުން ދައްކައިފަ އެވެ.
މިހާތަނަށް ރެކޯޑް 15 ފަހަރު ޗެމްޕިއަންސް ލީގު ނަގާފައިވާ ރެއާލަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އާބެލޮއާގެ މަގާމާ މެދު އޭނާ ކަންބޮޑޫ ނުވާ ކަމަށާއި، ކްލަބުން ނިންމާ ނިންމުމަކީ އަބަދު ވެސް އެންމެ ރަނގަޅު ނިންމުން ކަމުގައި ދެކޭނެ ކަމަށް އާބެލޮއާ ވަނީ ބުނެފަ އެވެ.
މި ނަތީޖާއާ އެކު ރެއާލަށް މިވަނީ ހުސް އަތާ ސީޒަން ނިންމާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފަ އެވެ. ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ކަޕުން ވެސް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގުގައި ދެން ބާކީ އޮތީ ހަތް މެޗެވެ. އެ ޓީމު ލީގުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ ނުވަ ޕޮއިންޓް ފަހަތުގަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބެޔާން މިއުނިކް ވާދަ ކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ.