ގުޖުރާތު (ނޮވެމްބަރު 29) - އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓުގައި މަސްތުގެ ހާލަތުގައި ހުރި ޑޮކްޓަރަކު ސިޒޭރިއަން ހެދުމުން މަންމަ އާއި ކުޑަ ދަރިފުޅު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ޑޮކްޓަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮޕަރޭޝަން ކޮށްގެން ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކުޑަ ކުއްޖާ ވަނީ މަރުވެފަ އެވެ. ކުއްޖާގެ މަންމަ މަރުވީ އޭގެ އިރުކޮޅެއް ފަހުންނެވެ.

ފުލުހުން ބުނީ ޑޮކްޓަރު މަސްތުވެފައި ހުރިކަން ޓެސްޓްތަކުން ސާބިތުވާ ކަމަށެވެ. ފުލުހުން މިހާރު ބަލަމުން ދަނީ ދެމައިން މަރުވީ ޑޮކްޓަރުގެ އިހުމާލުންތޯ ނުވަތަ ސިއްހީ އެހެން މައްސަލައެއް ދިމާވެގެންތޯ އެވެ.

މަސްތުވެފައި ހުރި ޑޮކްޓަރު ޕީޖޭ ލަކާނީ އަކީ ތަޖްރިބާކާރު ސީނިއާ ޑޮކްޓަރެކެވެ. އަދި ސަރުކާރުން ހިންގާ ސޮނަވަލާ ހޮސްޕިޓަލުގައި އޭނާ މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެ އެވެ.

ބަނޑުގައި ރިހޭތީ ކާމިނީ ޗާޗީ ހޮސްޕިޓަލަށް ގެންދިޔައީ ހޯމަ ދުވަހު ހަވީރު އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލޭބާ ރޫމަށް ވެއްދުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި ކުއްޖާ މަރުވި ޚަބަރު އާއިލާ އަށް ވަނީ ދީފަ އެވެ. އަދި މަންމަގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އާއިލާ އިން ވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ޗާޗީ ބަދަލު ކުރަން މަސައްކަތް ކޮށްފަ އެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލަށް ގެންދަނިކޮށެވެ.

ފުލުހުން ބުނީ ޑޮކްޓަރު އަމިއްލަ އަށް ގުޅާ ވަނީ އެހީތެރި ކަމަށް އެދިފައި ކަމަށެވެ. އެއީ މަރުވި އަންހެން މީހާގެ އާއިލާ އިން ޑޮކްޓަރަށް ހަމަލާއެއް ދީފާނެތީ އެވެ.

"ފުލުހުން ހޮސްޕިޓަލަށް ގޮސް ބެލި އިރު ޑޮކްޓަރު ހުރީ މަސްތުވެފައި. އެހެންވެ އޭނާ ވަނީ ހައްޔަރުކޮށްފައި،" ގުޖުރާތު ފުލުހުންގެ އޮފިސަރެއް ކަމަށްވާ އެޗްއާރު ގޮސްވާމީ ވިދާޅުވި އެވެ.

އެ މައްސަލަ ބަލަން ހޮސްޕިޓަލުން ވެސް ވަނީ ކޮމިޓީއެއް އުފައްދައިފަ އެވެ.