ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އެންޑްރޫ ހީލީ އިނގިރޭސި ވިލާތުގެ ލީކް ޔުނައިޓެޑް ބިލްޑިން ސޮސައިޓީގެ ސީއީއޯ އަކަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލީކް ޔުނައިޓެޑްގެ ސީއީއޯ އަކަށް ހީލީ ހަމަޖެއްސި ނަމަވެސް އޭނާގެ ކޮންޓްރެކްޓް ހަމަވަންދެން އަންނަ މަހުގެ ނިޔަލަށް އެ ބޭންކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާ ކުރިން އެއްބަސްވެވިފައިވާ ގޮތުގެ މަތިން ނޮވެމްބަރު، 2018، ގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވަންދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ،" ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.
ހީލީ، ބީއެމްއެލް އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިކަން އެ ބޭންކުން ފާހަގަކުރެ އެވެ.
"އެންޑްރޫ ބީއެމްއެލް އާ ގުޅިވަޑައިގަތުމަށް ފަހު ބޭންކަށް ވަނީ ނުހަނު ގިނަ ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފަ އެވެ. މި ގޮތުން ހަރުދަނާ މާލީ ނަތީޖާ އާއި ރިސްކް ބެލެހެއްޓުމުގެ މުހިންމު ލަނޑުދަނޑިތައް ހާސިލް ކުރުމުގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ކޮމިޔުނިޓީ އިންވެސްޓްމަންޓް ޕްރޮގްރާމެއް ބޭންކުން ދަނީ ހިންގަމުންނެވެ،" އެ ބަޔާނުގައިވެ އެވެ. ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހީލީ ހަވާލުވެވަޑައިގަތީ ޖެނުއަރީ 2014 ގަ އެވެ.