ތެހެރާން (ޖުލައި 22) - އެމެރިކާގެ ސީއައިއޭ އަށް ޖާސޫސް ކޮށްދިން 17 މީހުން ހައްޔަރުކޮށް، އޭގެ ތެރޭން ބައެއް މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީގެ ކައުންޓާ-އިންޓެލިޖެންސް އޮފިޝަލް ވިދާޅުވީ ސީއައިއޭގެ ޖާސޫސީ ނެޓްވޯކް މިހާރު ރޫޅާލާފައިވާ ކަމަށެވެ.

"ގައުމަށް ގަސްދުގައި ޣައްދާރުވި މީހުން ވަނީ ޖުޑިޝަރީއާ ހަވާލުކޮށްފައި. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ މަރުގެ އަދަބު ދީފައި. އަނެއް ބަޔަކަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައި،" އޭނާ ވިދާޅުވި އެވެ.

ހައްޔަރުކުރި އެންމެންނަކީ ވެސް އީރާން މީހުންނެވެ. އެކަމަކު އެ މީހުން އީރާނުގެ އެކި އެޖެންސީތަކަށް ރެކްރޫޓްކޮށްފައި ވަނީ އެމެރިކާ އިން ކަމަށް ތެހެރާނުން ބުނެ އެވެ.

އެމެރިކާ އަށް ޖާސޫސްކުރި ބަޔަކަށް އަދަބު ދިންކަން އީރާނުން އިއުލާންކޮށްފައި މި ވަނީ ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ.