އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމުގެ ނުރައްކާ ވަރަށް ބޮޑަށް އެބަ އޮތް ކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދީފި ކަމަށް ޓްރަމްޕުގެ ކެމްޕެއިނުން ބުނެފި އެވެ.
"ޑިރެކްޓަ އޮފް ނެޝަނަލް އިންޓެލިޖެންސްގެ އޮފީހުން މިއަދު ވަނީ، އެމެރިކާގައި ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ޓްރަމްޕަށް ދެއްވާފައި،" ޓްރަމްޕްގެ ކެމްޕެއިން ކޮމިއުނިކޭޝަން ޑިރެކްޓަރު ސްޓީވެން ޝެންގް ނެރުއްވި ބަޔާނެއްގައިވެ އެވެ.
"އިންޓެލިޖެންސް އޮފިޝަލުން ވަނީ ފާއިތުވި މަސްތަކުގައި މި ހަމަލާތައް އިތުރުވެފައި ވާތީ، ރައީސް ޓްރަމްޕް ހިމާޔަތްކޮށް، އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބަކަށް ހެދުމަށް ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް ވިދާޅުވެފައި."
އީރާނާ ގާތް ގުޅުމެއް އޮންނަ ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް އިޒްރޭލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދާއިރު އެކަން އިތުރަށް ގޯސްވެދާނެ ކަމެއް ނުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އީރާނާއި އެހެން ގައުމުތަކާއި ޖަމާއަތްތަކަށް މި ވަގުތު ދަނީ ގޮވާލަމުންނެވެ. ހާސްކަން ބޮޑުވެފައިވާ މި ދަނޑިވަޅު އީރާނާ ގުޅުވައި ދެއްކި މި ވާހަކައިގެ ތަފްސީލެއް ޓްރަމްޕުގެ ކެމްޕެއިނުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް އަވަހާރަކޮށްލަން މީހަކު ބަޑި ޖެހި ހާދިސާއާ އެކު އީރާނަށް ތުހުމަތުކޮށް ވާހަކަ ދެއްކި ނަމަވެސް އެ ގައުމުން ވަނީ އެ ތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރުކުރާ ކަމަށް ބުނެފަ އެވެ.
ޖުލައި މަހުގެ 13 ވަނަ ދުވަހު ޓްރަމްޕަށް ދިން ހަމަލާާގައި އޭނާ ހަނި ގޮތަކުން ސަލާމަތްވެފައި ވަނިކޮށް މި މަހު ވެސް ވަނީ ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށް ދައުވާކޮށްފަ އެވެ.
ޓްރަމްޕްގެ ކެމްޕެއިނަށް އަމާޒުކޮށް އީރާނުން ހެކްކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އީރާނުން މަސައްކަތް ކުރަނީ 2024 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް އެމެރިކާއިން ވަނީ ތުހުމަތުކޮށްފަ އެވެ. -- އޭއެފްޕީ