ސެންޓާރާ ހޮޓެލްސް އިން ކ. ގިރާވަރުގައި ހިންގާ ސެންޓާރާ ރަސްފުށީގައި އެޅި ފުޓްސަލް ދަނޑު ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.

މި ފުޓްސަލް ދަނޑަކީ ސެންޓާރާ ރަސްފުށީގެ ސްޓާފް ރެސްޓޯރެންޓް އަދި ބާ ހިންގުމާ ހަވާލުވެހުރި ފުޑް ސްޓަފް ޕްރައިވެޓް ލިމިޓެޑްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިިލިޓީ (ސީއެސްއާރް) ގެ ދަށުން އެ ރަށުގައި ކޮންޓްރެކްޓް އުސޫލުން އަޅައިދިން ދަނޑެކެވެ.

އިއްޔެ ހަވީރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގެވެ. މި ރަސްމިއްޔާތުގައި ސެންޓާރާގެ ޖެނެރަލް މެނޭޖަރު ނިން އާއި ފުޑް ސްޓަފް ޕްރައިވެޓް ލިމިޓެޑްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ތޯރިގު ބޯޅައިގައި ސޮއިކުރަނީ.-- ފޮޓޯ: އައްޒާމް އަލިފުޅު/ މިހާރު
ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ތޯރިގު ބޯޅައިގައި ސޮއިކުރަނީ.-- ފޮޓޯ: އައްޒާމް އަލިފުޅު/ މިހާރު

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުން ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަސް ވަންދެން އެ ރިޒޯޓްގެ މުވައްޒަފުން ކުރަމުން އައި އުއްމީދެއް ކަމަށާއި މި ދަނޑާ އެކު ފުޓްބޯޅަ އަށް ލޯބިކުރާ ސްޓާފުންގެ އުއްމީދުތަކެއް އާ ވެގެން ގޮސްފި ކަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަސް ވަންދެން މިތަނުގެ ސްޓާފުން ކުރަމުން އައި އުއްމީދެއް. މި ދަނޑާ އެކު ގިނަ ފުރުސަތުތަކެއް ފުޓްބޯޅައިން ފަހިވެގެންދާނެ. ވަރަށް ގިނަ ސްޓާފުންގެ ބުރަ މަސައްކަތުން މިކަން ގާތްގަނޑަަކަށް ތިން މަހެއްހާ ދުވަހުން މި ނިމުނީ،" އޭނާ ވިދާޅުވި އެވެ.

ދަނޑު ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު ހާއްސަ މެޗުގައި ބައްދަލުކުރީ ސެންޓާރާ ރަސްފުއްޓާއި ސެންޓާރާ ގްރޭންޑް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 3-2 އިން ކާމިޔާބުކުރީ ސެންޓާރާ ރަސްފުށިންނެވެ.

ސެންޓާރާ ރަސްފުށީގެ ފަރާތުން އެސިސްޓަންޓް އެޗްއާރް މެނޭޖަރު ނަބީލް ބުނީ މިއީ އެ ރިސޯޓް ހުޅުވިއިރުއްސުރެން އެ ތަނުގެ މުވައްޒަފުން އެދިއެދި ތިބި ކަމެއް ކަމަށާއި މި ކަން ފުރިހަމަ ކޮށްދިން ކަމަށްޓަކައި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތް.-- ފޮޓޯ: އައްޒާމް އަލިފުޅު/ މިހާރު
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތް.-- ފޮޓޯ: އައްޒާމް އަލިފުޅު/ މިހާރު

ފުޑް ސްޓަފްގެ ފަރާތުން ސޮފްވާން ޝަމީމް ބުނީ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް އެ ކުންފުންޏަށް މިހާ ފުރިހަމަކޮށް ނިންމާލެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާ އެކު ކަމަށެވެ.

"މިއީ ސީއެސްއާރްގެ ދަށުން ސެންޓާރާ ސްޓާފުންނަށް އަޅުގަނޑުމެން ދިން ހަދިޔާއެއް. ހަގީގަތުގައި މި ކަމުގެ ސަބަބުން ސެންޓާރާއާ އަޅުގަނޑުމެންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ. މި ވަރުގެ ޕްރޮޖެކްޓެއް ސެންޓާރާ އިން އަޅުގަނޑުމެންނާ ހަވާލުކުރީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މި ކަމުގައި އެހީވެދިން ސެންޓާރާ ރަސްފުށީގެ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ސޮފްވާން ބުންޏެވެ.

ސެންޓާރާ ރަސްފުށީގެ ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި ރިސޯޓްތަކަށް ހުޅުވާލައިގެން ރާވާ ހިންގާ ފުޓްސަލް މުބާރާތްތައް އެ ރިސޯޓްގައި ބޭއްވުމެވެ. އަދި އެފްއޭއެމުން އިއުލާން ކޮށްފައިވާ ރިސޯޓް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަކީ ވެސް އެ ރިސޯޓްގެ އެއް އަމާޒެވެ.