މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި ބޭއްވި ބޯހިމެނުމުގެ ނަތީޖާތައް މި މަހުގެ 30 ގައި އާންމުކުރަން ސްޓެޓިސްޓިކްސް ބިއުރޯ އިން މިއަދު ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެ ބިއުރޯ އިން ވަނީ 4،000 އަށް ވުރެ ގިނަ މަންދޫބުންގެ އެހީތެރިކަމާއެކު ބޯހިމެނުމުގެ މަސައްކަތް ކޮށްފަ އެވެ. އެ އޮފިޝަލުން މަސައްކަތަށް ނުކުތް ކޮންމެ ދުވަހަކަށް 500ރ. އިނާޔަތެއް ދިނެވެ. އެއީ ގާތްގަނޑަށް ހަތް ދުވަސް ނުވަތަ 11 ދުވަހުގެ މަސައްކަތެކެވެ.

އެ ބިއުރޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 30 ގައި އާންމު ކުރާނީ ތިން ދާއިރާއަކުން އަސާސީ މައުލޫމާތުތައް ކަމަށެވެ.

އެ ތިން ދާއިރާ އަކީ:

1. އާބާދީ: - ދިވެހިންގެ އަދަދު

- ބިދޭސީންގެ އަދަދު

- ޖިންސާއި އުމުރުފުރާތަކުގެ އަދަދު

2. ގޭބީސީ: - ގޭބީސީގެ އަދަދު

- ނިސްބަތުން ގޭބިސީއެއްގައި އުޅޭ އަދަދު

3. ބޯހިމެނުމުގައި ލިސްޓް ކުރި ތަންތަނުގެ އަދަދު: (އިމާރާތްތައް، މަސައްކަތް ހިންގާ ތަންތަން އަދި މީހުން ނިދާ ދިރިއުޅޭ ގެ/ ފްލެޓް/ އެޕާޓްމެންޓް/ ލޭބާ ކުއާޓާތައް)

ބޯހިމެނުމުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުން: އެ މަސައްކަތަށް 4،400 އޮފިޝަލުން ނެރުނު --- ފައިލް ފޮޓޯ
ބޯހިމެނުމުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުން: އެ މަސައްކަތަށް 4،400 އޮފިޝަލުން ނެރުނު --- ފައިލް ފޮޓޯ

ސްޓެޓިސްޓިކް ބިއުރޯ އިން ބުނީ އެ ހުރިހާ މައުލޫމާތެއް ވެސް އިއުލާން ކުރަނީ ރަށްރަށުގެ ފެންވަރުގައި ކަމަށެވެ. އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީހުތައް ފަހުން ހާމަ ކުރާނެ ކަމަށް ވެސް އެ ބިއުރޯ އިން ބުންޏެވެ.

ސްޓެޓިސްޓިކް ބިއުރޯ އިން ބުނިގޮތުގައި، ބޯހިމެނުމުގައި އެއްކުރި މައުލޫމާތުތައް ސައްހަ ކުރުމާއި ކޯޑް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސްޓްޓިސްޓިކް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މިދިޔަ 8 އަހަރު ރާއްޖޭގައި އިތުރުވީ 16،897 މީހުންނެވެ.

ނުރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމުލަ އާބަދީއަކީ 521,457 އެވެ. އޮކްޓޯބަރު މަހު ސްޓެޓިކްސް ބިއުރޯއިން އާންމު ކުރި މައުލޫމާތުތަކުގައި ވާ ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 97،000 އަށް ވުރެ ގިނަ އެވެ.