ކެތޭ ޕެސިފިކުން ރާއްޖެ އަށް ދަތުރުކުރަން ފެށިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މާދަމާ އިން ފެށިގެން އަންނަ މަހުގެ 10 ގެ ނިިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެ އެއާލައިނުން ދަތުރުކުރާ 14 މަންޒިލަކަށް މާލެ ދެކޮޅު ޓިކެޓުގެ އަގުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ލޮސްް އެންޖެލިސް، ނިއު ޔޯކް، ސެން ފްރެންސިސްކޯ އަދި ޓޮރޮންޓޯ، ކެނެޑާގެ ވެންކޫވާ، އޮސްޓްރޭލިއާގެ މެލްބާން، ސިޑްނީ އަދި އޯކްލަންޑާއި ޖަޕާންގެ ނަރީޓާ އާއި ދެކުނު ކޮރެއާގެ ސޯލް އާއި ޗައިނާގެ ބެއިޖިން އަދި ޝަންހާއީ އާއި ޓައިވާންގެ ޓައިޕޭ އާއި ފިލިޕީންސްގެ މެނީލާ އެވެ.
ކެތޭ ޕެސިފިކްގެ ބަޔާނުގައި ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓްތަކުން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ދަތުރުކުރެވޭނެ އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކެތޭ ޕެސިފިކް އަދި ޑްރެގަން އެއާ އިން ދަތުރުކުރާ މަންޒިލްތަކަށް ކަސްޓަމަރުން ދަތުރުކުރާ އިރު އަޅުގަނޑުމެންގެ އެވޯޑް ލިބިފައިވާ ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުން،" ކެތޭ ޕެސިފިކުން ރާއްޖެ އަށް ކަނޑައަޅާފައިވާ މެނޭޖަރު އަނެޒްކާ ޗޭން ވިދާޅުވެފައިވެ އެވެ.
ކެތޭ ޕެސިފިކުން ރާއްޖެ އަށް ދަތުރުތައް ފެށީ މީގެ ތިން އަހަރު ކުރިން، މާލެ އާއި ހޮން ކޮންގް ސީދާ ދަތުރުތަކުންނެވެ. ހޮން ކޮންގަށް ކެތޭ ޕެސިފިކުން ހަފުތާ އަކު ހަތަރު ފްލައިޓް ބާއްވަ އެވެ.