ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކެތޭ ޕެސިފިކުން އިހުމާލުވެފައިވާތީ އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނާޒް އޮފީސް (އައިސީއޯ) އެ އެއާލައިން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ބީބީސީން ބުނިގޮތުގައި އެއާލައިން ޖޫރިމަނާކުރީ 500،000 ޕައުންޑް (645,110 ޑޮލަރު) އިންނެވެ. މިއީ އިނގިރޭސިވިލާތުގައި 1998 އިން ފެށިގެން އަމަލުކުރަމުން އަންނަ ޑޭޓާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ.
އައިސީއޯ އިން ބުނެފައިވާ ގޮތުގައި ކެތޭ ޕެސިފިކުން ވަނީ ކަސްޓަމަރުންގެ ވަރަށް ޒާތީ މައުލޫމާތުތަކެއް ރައްކާތެރިކުރުމުގައި އިހުމާލުވެފަ އެވެ. އޭގެ ތެރޭގައި ކަސްޓަމަރުންގެ އުފަން ތާރީހާއި ފޯނު ނަމްބަރާއި އެޑްރެހާއި ދަތުރުކުރި ތަންތަނުގެ މައުލޫމާތު ހިމެނެ އެވެ. އަދި މިކަމާ ހުރެ ހެކަރުންނަށް ކަސްޓަމަރުންގެ މައުލޫމާތުތަކަށް ވާސިލުވުމުގެ މަގުފަހިވެފައިވެ އެވެ.
އައިސީއޯ އިން ބުނިގޮތުގައި ކެތޭ ޕެސިފިކުން ދަތުރުކުރި އިނގިރޭސިވިލާތުގެ 111,578 މީހަކާއި ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ 9.4 މިލިއަން ކަސްޓަމަރުންގެ މައުލޫމާތުތަކަށް އެއާލައިނުން އިހުމާވެފައިވެ އެވެ. އެގޮތުން 2014-2018 އަށް މައުލޫމާތުތައް އެކަށީގެން ގޮތަށް ރައްކާކޮށް ހިމާޔަތްކުރެވިފައި ނުވާ ކަމަށް ބުންޏެވެ.
މި މައްސަލަ 2018 ގެ މާޗް މަހުގެ ތެރޭގައި ފެންމަތިވުމުން ނެޝަނަލް ސައިބާ ސެކިއުރިޓީން ވަނީ މައުލޫމާތުތައް ރައްކާތެރިކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ކެތޭ ޕެސިފިކަށް ލަފާ ވެސް ދީފަ އެވެ. ނަމަވެސް އެތަނުން ދިން ފަސް ގައިޑްލައިނުގެ ތެރެއިން ހަތަރު ކަމަކަށް ކެޕޭ ޕެސިފިކުން އެކަށީގެންވާ ފިޔަވަޅު މިހާތަނަށް އަޅާފައި ނުވާ ކަމަށް އައިސީއޯ އިން ބުންޏެވެ.
"މައުލޫމާތުތައް ރައްކާތެރިކުރުމުގައި ވަރަށް ދޯދިޔާ ސިސްޓަމްތަކެއް ކެތޭ ޕެސެފިކުން ގެންގުޅޭކަން އަޅުގަނޑުމެންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައި ވަނީ." އައިސީއޯގެ ޑިރެކްޓަރު އޮފް އިންވެސްޓިގޭޝަން ސްޓީވް އެކާޒްލީ ވިދާޅުވި އެވެ.
ހޮންކޮންގުގެ ކެތޭ ޕެސިޕިކަކީ މީގެ 73 އަހަރު ކުރިން 1946 ގައި ވުޖޫދަށް އައި އެއާލައިނެކެވެ. އަދި މިއީ މި ވަގުތު ދުނިޔޭގެ 79 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ.