ހޮން ކޮން (ޖެނުއަރީ 15) - ކެތޭ ޕެސިފިކުން ފަސްޓް-ކްލާސް ޓިކެޓްތަކެއް އަނެއްކާވެސް އިކޮނޮމީ ރޭޓްގައި ވިއްކައިފި އެވެ.

މިއީ އެއްމަސް ދުވަސް ތެރޭ އެ އެއާލައިނުން މި ގޮތަށް ޓިކެޓް ވިއްކި ދެ ވަނަ ފަހަރެވެ. އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ހޮން ކޮން އިން ޕޯޗުގަލް އަށް ޓިކެޓް ވިއްކާފައި ވަނީ 1،512 ޑޮލަރަށެވެ. މި ރޫޓުގެ ޓިކެޓް އާއްމުކޮށް ވިއްކަނީ 16،000 ޑޮލަރަށެވެ. އެއާލައިނުން ބުނެފައި ވަނީ މިއީ އޮޅުމަކުން ކުރެވުނު ކަމެއް ނަމަވެސް އަގުހެޔޮކޮށް ޓިކެޓް ގަތް ފަރާތްތަކަށް އެ އަގުގައި ދަތުރު ކުރެވޭނެ ކަމަށެވެ.

ކެތޭ ޕެސިފިކުން ބުނެފައި ވަނީ އަގު ހެޔޮކޮށް ޓިކެޓް ވިއްކި މީހުންނަށް ދަތުރު ކުރެވޭނެ ކަމަށް. --ފޮޓޯ:އޭއެފްޕީ
ކެތޭ ޕެސިފިކުން ބުނެފައި ވަނީ އަގު ހެޔޮކޮށް ޓިކެޓް ވިއްކި މީހުންނަށް ދަތުރު ކުރެވޭނެ ކަމަށް. --ފޮޓޯ:އޭއެފްޕީ

"މި ގޮތަށް ދިމާވަނީ ކޮން ސަބަބަކާ ހުރެތޯ ބަލަމުން މިދަނީ،" އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ ދެ ހަފުތާ ކުރިން ވެސް އެއާލައިނުން ވަނީ އޮންލައިންކޮށް ހެޔޮ އަގުގައި ޓިކެޓް ވިއްކައިފަ އެވެ. ވިއެޓްނާމުން ނިއު ޔޯކަށް ކުރާ ބިޒިނަސް ކްލާސް ޓިކެޓް ވަނީ 675 ޑޮލަރަށް ވިއްކައިފަ އެވެ. މި ރޫޓުގެ ފަސްޓް ކްލާސް ޓިކެޓް ވެސް އާއްމުކޮށް ވިއްކަނީ 16،000 ޑޮލަރަށެވެ.