ލިޔުމުގައި ކުށެއް ޖެހުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެކެވެ. ވަރަށް ވިސްނައިގެން، އަމިއްލަ ނަން ލިޔާއިރު ވެސް ކުށެއް ޖެހިދާނެ އެވެ. ކެތޭ ޕެސިފިކަށް ވެސް ލަނޑު ލިބުނީ އެވެ.
ހޮންގް ކޮންގުގެ މަޝްހޫރު އެއާލައިން، ކެތޭ ޕެސިފިކުން އެ މީހުންގެ އަމިއްލަ ބޯޓެއްގެ ބޭރުގައި ބޮޑު އަކުރުން އެއާލައިންގެ ނަން ޖެހި އިރު "ޕެސިފިކް" އިން "އެފް" އަކުރު ވެއްޓިފައިވާކަން އެނގުނީ ފަހުންނެވެ. ބޯޓުގައި ޖަހާފައި އިނީ "CATHAY PACIIC" އެވެ.
ބޯއިން 777-367 ގެ ބޯޓުގައި ނުބައިކޮށް ނަން ޖަހާފައިވާ ފޮޓޯ އެންމެ ފުރަތަމަ ޕޯސްޓްކުރީ ހޮންގް ކޮންގް އޭވިއޭޝަން ޑިސްކަޝަން ބޯޑްގެ ފޭސްބުކް ޕޭޖްގަ އެވެ. ބޯޓު ގްރައުންޑްކޮށްފައި އޮއްވައި ނަގާފައިވާ ފޮޓޯ ފެނި ކެތޭ ޕެސިފިކަށް ފެނުމުން އަދި މާ ބޮޑަށް މަޖާ ނެގި އެވެ.
ކެތޭ ޕެސިފިކުން އެ ފޮޓޯ ޓްވީޓްކޮށް، ބުނީ ކޮންމެވެސް "ތިޔަ އޮތީ ކޮންމެވެސް މީހަކަށް 'އެފް' އަކުރު ހަނދާން ނެތިފައި" ކަމަށެވެ.
ކެތޭ ޕެސިފިކްގެ ޕޭރެންޓް ކުންފުނި "ހައެކޯ" ގެ އިންޖިނިއަރަކު ސައުތު ޗައިނާ މޯނިންގް ޕޯސްޓަށް ބުނީ ނަން ޕެއިންޓް ކުރަނީ ސްޓެންސިލް ވެސް ހަދައިގެން ކަމަށާއި އެފް އަކުރު ވެއްޓިފައި ވަނީ ކިހިނެއްކަން ބުނަން ނޭނގޭ ކަމަށެވެ.
ކެތޭ ޕެސިފިކްގެ ތަރުޖަމާނެއް ސީއެންއެން އަށް ބުނި ގޮތުގައި މިއީ މާބޮޑު ކަމަކަށް ހަދާކަށް އެ މީހުން އެންމެ ފުރަތަމަ ގަސްދެއް ނުކުރެ އެވެ. އެކަމަކު ފޮޓޯ ވައިރަލްވެ މަޖާގަނޑަކަށް ވުމުން އެއާލައިނުން ވެސް ފޮޓޯ ޓްވީޓް އެ މަޖަލުގައި ބައިވެރިވީ ކަމަށް ބުންޏެވެ.
އެ އެއާލައިން ވަނީ، ނުބައިކޮށް ލިޔެވުނު ނަން ފޮހެލައި އަލުން ނަން އަޅާތަނުގެ ފޮޓޯ ވެސް ފަހުން ޓްވީޓްކޮށްފަ އެވެ.