ސަމާސެޓް ހޮޓަލާއި ކެތޭ ޕެސިފިކް ގުޅިގެން، މާލެ ސާފުކޮށްގެން ބޮޑެތި އަގުހުރި އިނާމު ލިބޭ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ސަމާސެޓް ހޮޓަލުން ބުނި ގޮތުގައި މިފަދަ ހަރަކާތެއް ބާއްވަން އެ ހޮޓަލުން ނިންމީ، ގިނަ ބަޔަކު މިފަދަ އިޖްތިމާއީ ކަމެއްގައި ބައިވެރި ކުރުމުގެ ގޮތުންނެވެ.

އެގޮތުން، އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރު އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުނފުނިތައް، ސްކޫލްތައް އަދި އާންމުންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ހޮޓަލުން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކުނި އެއްކުރާ ޓީމްތަކަށް އަގުހުރި އިނާމުތައް ދޭނެ ކަމަށް އެ ހޮޓަލުން ބުނެ އެވެ.

މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް ދެނީ ރާއްޖޭގައި އޮޕަރޭޓް ކުރާ ކެތޭ ޕެސިފިކް އެއާލައިނުން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން މަންޒިލަކަށް ދަތުރު ކުރުމަށް ދެ ޓިކެޓެވެ. އަދި ދެވަނަ އަށް ދާ ފަރާތަކަށް އަދާރަންގެ ރިސޯޓެއްގައި ދެ މީހުންނަށް ދެ ދުވަހުގެ ހުރުން ދޭ އިރު ތިންވަނަ އަށް ދާ ފަރާތަށް ދެނީ ޓީއެފްޖީ އިން ހަ މަސް ދުވަހުގެ ޖިމް މެމްބާޝިޕް ކަމެވެ.

ސަމާސެޓުން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމަށް ކެތޭ ޕެސިފިކްގެ އިތުރުން ތިމާވެއްޓާ ބެހޭ، މިނިސްޓްރީ އާއި، އެމްއެންޑީއެފް، ޕޮލިސް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި ކޮކާކޯލާ ކުންފުނީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ.