އެހެން މީހެއްގެ އެކައުންޓުން އެ މީހަކަށް ނޭނގި 10،500ރ. ގެ މުއާމަލާތެއް ކުރި ކަމަށް ތުހުމަތުވާ މީހަކު ހޯދަން ފުލުހުން އެ މީހާގެ ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ އިދާރާއިން އާންމުކުރި ފޮޓޯގައި ފެންނަ މީހާ އަކީ އެހެން މީހެއްގެ އެކައުންޓުން، އެ މީހާއަށް ނޭނގި 10،500ރ. ގެ ފައިސާގެ މުއާމަލާތެއް ހިންގާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގުގައި ސުވާލުކުރަން ބޭނުންވާތީ ހޯދަން ބޭނުންވެ، ކާކުން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދުނެވެ.

މީހުންގެ ކޭޝް ކާޑު ވަގަށް ނަގައިގެން ވިޔަފާރިގެ މުއާމަލާތްތައް ހިންގުމަކީ މިހާރު ވަރަށް އާންމުވެފައި އޮތް ބޮޑު މައްސަލައެކެވެ.

އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމާއި އޮޅުވާލައިގެން މީހުން ބޭންކް އެކައުންޓްތަކުގެ އެކްސެސް ހޯދައި ފައިސާ ފޭރޭ މައްސަލަ ވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑު އިތުރުވެފައިވެ އެވެ.