ބީނޯސް އޭރީޒް، އާޖެންޓީނާ (ޖުލައި 26) - ޕްރިމިއާ ލީގުގެ ޗެލްސީ އާއި އިޓާލިއަން ލީގުގެ ނަޕޯލީގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އެކަމަކު ކެރިއަރު ނިންމާލަން ބޭނުންވަނީ އާޖެންޓީނާގެ ބޮކާ ޖޫނިއާސްގައި ކަމަށް އެ ޓީމުގެ ފޯވާޑް ކާލޯސް ޓެވޭޒް ބުނެފި އެވެ.
"އަހަރެން އެނބުރި ޔޫރަޕަށް ނުދާނަން. އަހަރެން ބޮކާގައި މިހިރީ ހިތްހަމަޖެހިގެން. އަހަރެންގެ ހުވަފެނަކީ ފުޓްބޯޅަ ކެރިއަރު މި ކްލަބާ އެކު ނިންމާލަން،" އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓެވޭޒް ބުންޏެވެ. "ޗެލްސީ އާއި ނަޕޯލީން ޝައުގުވެރިވޭ. އެކަމަކު ދެން ޔޫރަޕަށް ދިއުމުގެ ހިޔާލެއް."
ޓެވޭޒް ކުރިން ކުޅުނު އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑުގެ ޗެއާމަން ޑޭވިޑް ސުލިވާން ވިދާޅުވީ ޓެވޭޒް އަލުން އެ ޓީމަށް ގެންނަން މަސައްކަތްކުރި ކަމަށާއި އެކަން ހަގީގަތަކަށް ނުވީ މުސާރައަކާ މެދު އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ.
ޓެވޭޒް ވަނީ 2007 ވަނަ އަހަރު ވެސްޓް ހޭމް ރެލިގޭޝަނުން ސަލާމަތްކޮށްދީފަ އެވެ. އޭގެ ފަހުން ވަނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފަ އެވެ. އިނގިރޭސި މާހައުލު ކަމުނުދާ ކަމަށް ބުނެ އޭރު ވެސް ރިޓަޔާކުރަން ވިސްނި ޓެވޭޒް އެނބުރި އާޖެންޓީނާ އަށް ދިޔައީ އިޓަލީގެ ޔުވެންޓަސްއާ އެކު ކާމިޔާބީ ހޯދުމަށް ފަހު އެވެ.
އޭނާ ޔުވެންޓަސް އަށް ގެންދިޔަ އެންޓޯނިއޯ ކޮންޓޭ އަކީ މިހާރު ޗެލްސީގެ ކޯޗެވެ. އަނެއްކޮޅުން ނަޕޯލީން އަންނަނީ ގޮންޒާލޯ ހިގުއައިން ޔުވެންޓަސް އަށް ބަދަލުވާތީ، ބަދަލުގައި ފޯވާޑެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.