ބެއިޖިން (ޑިސެމްބަރު 29) – ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައި އާޖެންޓީނާގެ ބޮކާ ޖޫނިއާގެ ފޯވާޑް ކާލޯސް ޓެވޭޒް ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ސޮއިކޮށްފި އެވެ.
ރެކޯޑް އަގުތަކެއްގައި ޗައިނާ ކްލަބްތަކުން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދުމުގެ ސިލްސިލާ އަށް އެންމެ ފަހުން އިތުރުވި ކުޅުންތެރިޔާ އަށް ދެ އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި 84 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެހެންވެއްޖެ ނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.
ޔޫރަޕުގައި މަޝްހޫރުކަން ހޯދި ޓެވޭޒް އިރުމައްޗަށް މިސްރާބު މިޖެހީ އަމިއްލަ ގައުމުގައި ކުޅެން ބޭނުންވާ ކަމަށް ބުނެ މިދިޔަ އަހަރު އާޖެންޓީނާ އަށް ބަދަލުވުމަށް ފަހު އެވެ. ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ކުޅުމަށް ފަހު އޭނާ ވަނީ އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ. އޭނާ އެނބުރި އާޖެންޓީނާ އަށް ބަދަލުވީ މިދިޔަ އަހަރު ބޮކާ ޖޫނިއާސް އަށް ސޮއިކުރުމަށް ފަހު އެވެ. އެ ކްލަބާ އެކު ވެސް އުމުރުން 32 އަހަރުގެ ފޯވާޑް މޮޅު ކުޅުމެއް ދެއްކި އެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް 76 މެޗު ކުޅެދީފައިވާ ޓެވޭޒުގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ޗައިނާ ލީގާ ގުޅެމުންނެވެ. އެގޮތުން ބްރެޒިލްގެ އޮސްކާ އާއި އަލެކްސް ޓަކްސޭރާ އާއި ރަމިރޭސާއި ޖެކްސަން މާޓިނޭޒް ފަދަ ކުޅުންތެރިން އަންނަނީ ބޮޑު މުސާރައަކަށް ޗައިނާ ކްލަބްތަކަށް ކުޅެމުންނެވެ. ޝަންހާއީ ޝެންހުއާ އަށް މީގެ ކުރިން ޑިޑިއާ ޑްރޮގްބާ އާއި ނިކޮލަސް އަނެލްކާ ވެސް ވަނީ ކުޅެފަ އެވެ.