ވަޒީފާތަކަށް ނުކުތުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރި ކުރުވުމަށް އެވިޑް ކޮލެޖުން ހިންގި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ދީފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި "ޕްރީ ކޮލެޖް އެންހޭސްމަންޓް ޕްރޮގްރާމް" ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް 43 މީހުން ފުރިހަމަ ކުރި އެވެ. މިއީ އެއްވެސް ފީ އެއް ނުނަގައި، ހިލޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެވިޑް ކޮލެޖުގެ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި މީހަކަށް، އެ ކޮލެޖުގެ ޗެއާމަން މުޝްތާގު (ކ-2) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- މިހާރު ފޮޓޯ
އެވިޑް ކޮލެޖުގެ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި މީހަކަށް، އެ ކޮލެޖުގެ ޗެއާމަން މުޝްތާގު (ކ-2) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- މިހާރު ފޮޓޯ

ސެޓްފިކެޓް ހަވާލު ކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން، މުޝްތާގު ވިދާޅުވީ މި ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ވެސް ޒުވާނުންނާ ގުޅޭ މިފަދަ އިތުރު ޕްރޮގްރާމްތައް އެ ކޮލެޖުން ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާ އަށް ނުކުންނަ އިރު، އިންޓަވިއުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި އޮފީސް މާހައުލުގައި އުޅޭ އިރު ބަލަންޖެހޭ ކަންތައްތައް މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ކިޔައިދީފައިވާނެ ކަމަށް މުޝްތާގު ވިދާޅުވި އެވެ.