ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދާން ރާއްޖޭގެ ގިނަ ދަރިވަރުންގެ ޝައުގުވެރިކަން އޮތީ ޓޫރިޒަމް ދާއިރާ އަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ގްރޭޑު 10 ނިންމާ ދަރިވަރުންގެ މުސްތަގުބަލް ރާވާފައިވާ ގޮތް ދެނެގުމަށް ހެދި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން، 21 ޕަސެންޓް ދަރިވަރުން ގަސްދު ކުރަނީ ޓޫރިޒަމް ނުވަތަ އެކަމާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާށެވެ. ސިއްހީ ދާއިރާގެ އެކި މަސައްކަތަށް ޝައުގުވެރިކަން ހުރިއިރު ދަރިވަރުންގެ ނިސްބަތަކީ 12 ޕަސެންޓެވެ. އެންމެ ގިނަ ކުދިން ހިޔާރުކުރި ތިން ވަނަ ދާއިރާއަކީ، ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 11 ޕަސެންޓް ދަރިވަރުން ޝައުގުވެރިވާ އިންޖިނިއަރިންގެ ރޮނގެވެ.

ބޭންކިން އާއި އެކައުންޓިން އަދި ބިޒްނަސް އާއި މާކެޓިން ދާއިރާއިން ކުރިއަށް ދާން ބޭނުން ކަމަށް ބުނެފައި ވަނީ 10 ޕަސެންޓް ދަރިވަރުންނެވެ. ކުޅިވަރުގެ ރޮނގުން އިތުރަށް ކިޔެވުމަށް ހަތް ޕަސެންޓް އަދި ތައުލީމީ ދާއިރާއިން ކުރިއަށް ދާން ފަސް ޕަސެންޓް ދަރިވަރުންގެ ޝައުގު އޮތްކަ މަށް ދިރާސާ އިން ފެނެ އެވެ.

ދަރިވަރުންގެ ޝައުގުވެރިކަން އެންމެ ކުޑަކޮށް ހުރި ދާއިރާތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ އެއް މަސައްކަތް، މަސްވެރިކަން ހިމެނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ އަޑު ގަދަ އިރު، އެ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންގެ ނިސްބަތް ވެސް ވަރަށް ދަށެވެ.

ހިއުމަން ރިސޯސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ސޯޝަލް ވޯކް ފަދަ ދާއިރާތަކުގައި ކުރިމަގު ބައްޓަން ކުރަން ބޭނުން ވާ ދަރިވަރުންގެ އަދަދު ވެސް އުޅެނީ ވަރަށް މަދުކޮށެވެ.

ހަޔާތުގައި ކުރިއަށް ދާނެ ދާއިރާ އިހުތިޔާރުކުރުމުގެ ފަހަތުގައި ހުރި ސަބަބުތަކުގެ ތެރޭގައި، ދިރާސާއިން ދެއްކީ، މާލީ އެހީތެރިކަން ބޮޑަށް ލިބޭ ދާއިރާތަކާއި މަތީ ތައުލީމުގެ ފުރުސަތު ބޮޑު ދާއިރާތަކާއި ފަސޭހައިން ވަޒީފާ ލިބޭނެ ދާއިރާތަކުގެ އިތުރުން އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރު ހިމެނެ އެވެ. އާއިލާ އާއި ރައްޓެހިންގެ ޕްރެޝަަރުގައި ވަކި ދާއިރާއެއް ހިޔާރުކުރާ ކުދިންގެ ނިސްބަތް ހަތަރު ޕަސެންޓަށް އަރަ އެވެ.

އެކަމަކު އެންމެ ގިނަ ދަރިވަރުން ބުނެފައިވަނީ، ކުރިއަށްދާނެ ދާއިރާ ކަނޑައަޅަނީ އެކަމަށް ޝައުގުވެރިކަން ވެސް ހުރުމުން ކަމަށެވެ. ވަޒީފާގެ ފުރުސަތުގެ މައްޗަށް ބިނާކޮށް 14 ޕަސެންޓް ދަރިވަރުން ވަކި ދާއިރާތަކެއް ހިޔާރުކުރާކަން ވެސް، ދިރާސާއިން އެނގެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 10 ގެ ދަރިވަރުންގެ މެދުގައި ކުރި މި ދިރާސާގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާނެ ކަމަށެވެ.

ދިރާސާއިން ދައްކާ ގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް 77 ޕަސެންޓް ދަރިވަރުން ކޮންމެވެސް ވަރަކަށް އަހުލުވެރި އެވެ. އެކަމަށް ވަރަށް ރަނގަޅަށް އަހުލުވެރިވާ ދަރިވަރުންގެ ނިސްބަތަކީ އެންމެ ފަސް ޕަސެންޓެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް އަހުލުވެރި ނޫން ދަރިވަރުންގެ ނިސްބަތް 18 ޕަސެންޓަށް އަރަ އެވެ.

ދިރާސާއިން ދައްކާ ގޮތުގައި އޯ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އޭ ލެވެލްއަށް ކިޔަވަން ޕްލޭންކުރަނީ 31.5 ޕަސެންޓް ދަރިވަރުންނެވެ. އަދި މަތީ ތައުލީމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ވިސްނުން 23.6 ޕަސެންޓް ދަރިވަރުން ގެންގުޅެ އެވެ.

އޯ ލެވެލްއަށް ފަހު ޕާޓް-ޓައިމް ވަޒީފާއެއް ހޯދުމުގެ ވިސްނުން 21 ޕަސެންޓް ދަރިވަރުންގެ ހުރި ކަމަށް، ދިރާސާއިން ދައްކަ އެވެ.

ތައުލީމުގެ ފުރަތަމަ 10 އަހަރަށް ފަހު އަހަރެއްހާ ދުވަހުގެ ބްރޭކަށް ނަގަން ބޭނުންވާ ދަރިވަރުން ވެސް އުޅެ އެވެ. އެގޮތުން ކިޔެވުމުން އެފަދަ ބްރޭކަށް ނެގުމުގެ ވިސްނުން 14.8 ޕަސެންޓް ދަރިވަރުން ގެންގުޅެ އެވެ.

"މި ދިރާސާގެ މަގުސަދަކީ މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ސީދާ ދަރިވަރުންނަށް މައުލޫމާތު ފޯރާނެހެން ފޯރުކޮށްދިނުމެވެ،" ދިރާސާއާ ބެހޭ ގޮތުން، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

"އަދި ދަރިވަރުންގެ މުސްތަގުބަލް ރޭވުމުގައި ނިންމާ ނިންމުންތަކަކީ ރަނގަޅު، ތެދު، އެންމެ ފަހުގެ މައުލޫމާތުގެ އަލީގައި ނިންމާ ނިންމުންތަކަށް ވުމަށް މިނިސްޓްރީން އެހީތެރިވެދިނުމެވެ."