ޒުވާނުންނަށް ހާއްސަކޮށްގެން އެމްޑަބްލިއުއެސްސީން މިއަދު އޯޕަޑް ޑޭ އެއް ފަށައިފި އެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ވަޒީފާގެ މާހައުލުގައި ކުރިއަށް ދެވޭނީ ވަގުތުގެ ބޭނުން ރަނގަޅަށް ހިފައިގެން ކަމަށެވެ. އަދި ބޭރު ކުންފުނިތައް ވެސް ކާމިޔާބީ ހާސިލްކޮށްފައި ވަނީ ގަޑި އާއި ވަގުތަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީފާގެ މާހައުލަށް އަލަށް ވަންނަ ޒުވާނުން މިކަމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ އެއް ދުވަހުގެ މި ޕްރޮޮގްރާމުގައި 10 ޒުވާނުން ބައިވެރިވެ އެވެ. އެ ކުންފުނިން ކުރިއަށް ދެވޭނެ ތަފާތު ދާއިރާތަކާ ގުޅޭ ގޮތުން މި ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.
މި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެ ކުންފުންޏަކީ ހަމައެކަނި ފެން ފޯރުކޮށްދޭ ކުންފުންޏެއް ނޫން ކަމަށެވެ. މާލޭގެ ސިވަރެޖް މަސައްކަތް ކުރުމުގެ އިތުރުން ފެން ބަންދުކުރުމުގެ މަސައްކަތާއި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާތީ، އެޑްމިންސްޓްރޭޓިވް މަގާމުތަކުގެ އިތުރުން އިންޖިނިއަރިން އަދި އެހެން ޓެކްނިކަލް ދާއިރާތަކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވެސް އެ ކުންފުނިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ހިއުމަން ރިސޯސް އޮފިސަރު އިބްރާހިމް ސައްޔާދު ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން އެ ކުންފުނީގެ އެކި ސައިޓުތަކަށް މިއަދު ޒިޔާރަތްކުރާނެ ކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނާ ވާހަކަދެއްކުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމުތައް ހިންގަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.