ސްކޫލު ނިންމުމަށް ފަހު މަތީ ތައުލީމް ހާސިލްކުރަން ގުޅުނީ ޔުނިވާސިޓީއަކާ އެވެ. އެތަނުން އިލެކްޓްރިސިޓީއާ ގުޅޭ ކޯހެއް ފުރިހަމަކުރަނިކޮށް ފޫހިވީ އެވެ. އެހެންވެ ދެން ހެދީ މުޅިން އެހެން ދާއިރާއަކާ ގުޅޭ ކޯހެކެވެ. އެ ކޯހުގެ ވަކި ހިސާބަކުން ވަކިވެ، އެހެން ދާއިރާއެއްގައި ކިޔަވަން ފެށި އެވެ.
މިއީ އެންމެ ޒުވާނެއްގެ ވާހަކަ އެވެ. އެކަމަކު އެކަހަލަ ކިތައްމެ ބަޔަކު އެބަ އުޅެ އެވެ. އޯ ލެވެލް ނުވަތަ އޭ ލެވެލް ނިމޭ އިރު ވެސް ތިމާ ކުރިއަށް ދާނެ ދާއިރާއެއް ކަނޑައެޅުމުގައި، ވަރަށް ގިނަ ދަރިވަރުންނަށް މައްސަލަތައް ދިމާވެ އެވެ.
ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އެ މައްސަލައަށް ހައްލެއް ލިބޭނެ އެއް ކަމަކީ ކެރިއަ ގައިޑެންސް ދިނުމެވެ. ހަގީގަތުގައި އެ ދަރިވަރެއްގެ މުސްތަގުބަލު ބިނާވެފައި އޮންނާނީ ކެރިއަ ގައިޑެންސް އަށެވެ.
ދަރިވަރުންނަށް ކެރިއާއާ ގުޅޭ މައުލޫމާތު ފަހިކޮށްދެވިފައި އޮތުމުން ސްޓްރީމް އިހުތިޔާރުކުރާއިރު ފަސޭހަވެ އެވެ. މިސާލަކަށް ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ނަމަ ސައިންސާ ގުޅޭ މާއްދާތައް ކިޔެވޭނެ އެވެ. ހަމަ އެ އުސޫލުން ބިޒްނަސް އަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ވެސް، ވަގުތު ބޭކާރު ނުކޮށް ކުރިއަށް ދާނެ ގޮތެއް ކަނޑައަޅަން ފަސޭހަވާނެ އެވެ. އެހެންނޫނީ ވަކި ހިސާބަކުން ވަކި މާއްދާތަކެއް ކިޔަވަން ޖެހެ އެވެ.
ކެރިއާ ގައިޑެންސް ދިނުމަކީ މުހިންމު ކަމެއް ކަމަށް ފެނިގެން އެކަމަށް އަމާޒުކޮށް 2005 ގައި ވަކި ސެންޓަރެއް ސަރުކާރުން ގާއިމްކުރި އެވެ. އެތަނުގެ މައިގަނޑު އަމާޒަކީ ދަރިވަރުންނަށާއި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދާނެ ފަހި މަގެއް ދެއްކުމެވެ. މިހާރު ވެސް ބާއްވާ ތަފާތު ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ސްކޫލުތަކުގައި ވެސް ކެރިއަ ކައުންސިލިން ދެ އެވެ. އެ ޕްރޮގްރާމްތަކުން ރަނގަޅު ފީޑްބެކެއް ލިބޭކަމަށް ކެރިއަ ގައިޑެންސް ސެންޓަރުން ކުރިން ބުނެފައިވެ އެވެ.
ކޮލެޖެއްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި އެ ކޮލެޖަށް ޑިގްރީއަށް ވަންނަ ބައެއް ދަރިވަރުން، ކޯހުގެ ފުރަތަމަ އަހަރު ނިންމުމަށް ފަހު އެހެން ކޯސްތަކަށް ބަދަލުވެ އެވެ. އެގޮތަށް ދިމާވަނީ ކެރިއަ ގައިޑެންސް ރަނގަޅަށް ހިންގިފައި ނެތުމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މަތީ ތައުލީމަށް އަންނައިރު ބައެއް ފަހަރަށް ދަރިވަރުންނަށް ޔަގީނެއް ނޫން ދާނެ ދާއިރާއެއް. ތައްޔާރުވެގެންނެއް ވެސް ނޫން ތިބެނީ. ކެރިއަ ގައިޑެންސަކީ ހަމައެކަނި ކެރިއާއާ ގުޅޭ ކަމަކަށް ނުހަދައި މަތީ ތައުލީމަށް އެބަ ޖެހޭ ތައްޔާރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ހޭދަވާނެ ވަގުތާއި ކުރިއަށް ގެންދަން ޖެހޭނެ ގޮތް."
އޭނާ ވިދާޅުވީ ކެރިއަ ގައިޑެންސް ދޭއިރު ދަރިވަރުގެ ހުރި ގާބިލްކަމާއި ހުނަރު ދެނެގަނެ، ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރެވޭނެ ކަމަށެވެ. އެއަށް ފަހު އެ ކަންތަކަށް ބިނާކޮށް، ކުރިއަށް ދިއުމަށް ރަނގަޅު ދާއިރާއެއް އަންގައިދެވޭވަރުވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައވާ ގޮތުގައި ތަންކޮޅެއް ޅައުމުރުގައި ކެރިއާއެއް އިހުތިޔާރުކުރުމަކީ ވަގުތު ސަލާމަތްވާނެ ކަމެކެވެ.
ތައުލީމީ އާ މަންހަޖާ އެކު ދަރިވަރުންނަށް ތަފާތު ދާއިރާތައް ތަޖުރިބާކުރުމުގެ ފުރުސަތު މިހާރު ވަަނީ ފަހިވެފަ އެވެ. ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ ކީ ސްޓޭޖް ހަތަރަކަށް ދަރިވަރުން ބަދަލުވާއިރު، ކީ ސްޓޭޖް ތިނެއްގެ އެންމެ ފަހު ގްރޭޑު، ގްރޭޑު އަށެއްގައި ދަރިވަރުންނަށް ކެރިއާއާ ގުޅޭ މައުލޫމާތު ދޭ ކަމަށެވެ. އެކަމަށް ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދަރިވަރުންނާއި ބެލެނިވެރިންނަށް ދައްކާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކީ ސްޓޭޖް ތިނެއްގައި ހިމެނޭ ގްރޭޑު 7 އަދި 8 ގައި ދަރިވަރުން ސައިންސާއި ބިޒްނަސް ސްޓްރީމުގެ މާއްދާތައް ކިޔަވަ އެވެ. ތައުލީމީ ދާއިރާއަށް އައި މި ބޮޑު ބަދަލާ އެކު ދަރިވަރުން ސްޓްރީމް އިހުތިޔާރުކުރަން ޖެހޭނީ ގްރޭޑު 9 އަށް ބަދަލުވާ އިރުގަ އެވެ. މީގެ ކުރިން ސްޓްރީމް އިހުތިޔާރުކުރަން ޖެހޭނީ ގްރޭޑު 8ގަ އެވެ.
އެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ސްޓްރީމެއް ނެގުމުގެ ކުރިން، އެ ސްޓްރީމުގައި ހިމެނޭ މާއްދާތައް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް މިހާރު އޮންނަނީ ފަހިވެފަ އެވެ. އެއީ ވަރަށް މުހިއްމު ބަދަލެއް ކަމަށާއި އޭރުން ކުރިއަށް ދާނެ ފުރުސަތު އިހުތިޔާރުކުރަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
"ކެރިއަ ގައިޑެންސް އަކީ ވަރަށް މުހިއްމު އެއްޗެއް ހަގީގަތުގައި، އޭގެ ސީރިއަސްކަން ނުނެގުނު ކަމުގައި ވިއަސް. ބައެއް ފަހަރަށް މީހަކު ބުނެލީމަ ނުވަތަ ރައްޓެހިން ވަކި ސްޓްރީމެއް ނަގާތީ އެ ދަރިވަރު ވެސް އެބަ ޖެހޭ އެ ކިޔަވަން،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު ކިޔަވަން ފެށީމައި އަސްލު މި އެނގެނީ އެކަމަށް ޝައުގުވެރިކަން ނުހުންނަކަން. އެކަމަކު އާ މަންހަޖާ އެކު، އެކްސްޕްލޯކުރަން ދެ އަހަރު ފުރުސަތު ދީފައި ސްޓްރީމަކަށް މި ދަނީ. ދަރިވަރުން އެބަ ބުނޭ ކެރިއާއެއް އިހުތިޔާރުކުރަން ފަސޭހަކަމަށް."
ބައެއް ސްކޫލުތަކުގައި ކެރިއަ ޑޭ ފާހަގަކޮށް، ދަރިވަރުން އެކި ދާއިރާތަކުގެ ޔުނީފޯމުގައި ސްކޫލަށް ދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމުން ވެސް އެންމެ އެކަށީގެންވާ ބަދަލު ނުފެންނަ ކަމަށެވެ. އަދި ކުރިއަށް ދާނެ ދާއިރާއެއް ކަނޑައެޅުނު ނަމަވެސް، އެކަން ތަޖުރިބާކުރުމުގެ މާ ފަހި ފުރުސަތުތަކެއް ސްކޫލު މާހައުލުން ނުލިބޭކަން ވެސް ފާހަގަކުރެއްވި އެވެ.
"ގްރޭޑު 10އާ ހަމައަށް ދާއިރު ވެސް ބައެއް ދަރިވަރުންނަށް ނޭނގޭ ކުރިއަށްދާންވީ ދާއިރާއެއް. އޭލެވެލް ނިންމާފައި ވެސް ދެން ކޯހަކަށް ކުރިމަތިލަނީ. އެކަމަކު އެއީ ދަރިވަރުގެ އަސްލު ކެޕޭސިޓީ ހުރި ދާއިރާއެއް ނޫން. ރަނގަޅަށް ކެރިއަ ގައިޑެންސް ދޭން ފެށިއްޖެ ނަމަ އެކަން ބަދަލުވާނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އާ މަންހަޖުގައި ހުރި އެ ބައިތައް ފުރިހަމަކުރެވިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި، މިހާރު ގިނަ ދަރިވަރުންނަށް ދިމާވާ ބޮޑު މައްސަލައަކުން، ސަލާމަތްކުރެވިދާނެ ކަމަށް ފެނެ އެވެ.