ނިއު ދިއްލީ (ސެޕްޓެމްބަރު 1) - އިންޑިއާގެ ފުރަތަމަ އަންހެން ކާޑިއޮލޮޖިސްޓް (ހިތުގެ ޑޮކްޓަރު) އުމުރުން 103 ގައި އިއްޔެ އަވަހާރަވެއްޖެ އެވެ.

މުޅި އިންޑިއާގައި ވެސް މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ އެސްއައި ޕަދުމާވަތީ އަވަހާރަވީ މީގެ 11 ދުވަސް ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން ދިއްލީގެ ހޮސްޕިޓަލެެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.

އިންޑިއާގައި ހިތުގެ ބަލިތަކުގެ ފަރުވާގެ "މަންމަ" ކަމަށް ބެލެވޭ ޕަދުމާވަތީ ވަނީ ނޭޝަނަލް ހާޓް އިންސްޓްޓިއުޓް (އެންއެޗްއައި) 1981 ވަނަ އަހަރު އުފައްދަވައިފަ އެވެ. އޭގެ ކުރިން 1962 ވަނަ އަހަރު ވަނީ އޯލް އިންޑިއާ ހާޓް ފައުންޑޭޝަން އުފައްދަވައިފަ އެވެ.

ޕަދުމާވަތީ ގެންދެވީ އުމުރުން 90 ގެ އަހަރުތަކުގައި ވެސް ބަލި މީހުންނަށް ޚިދުމަތް ދެމުންނެވެ. ސިއްހީ ދާއިރާ އިން ރިޓަޔާ ކުރެއްވީ 2015 ވަނަ އަހަރު އެެވެ. ރިޓަޔާ ކުރެއްވުމާ ހަމައަށް ވެސް ގެންދެވީ ދުވާލަކު 12 ގަޑިއިރު މަސައްކަތް ކުރައްވަމުންނެވެ. ކޮވިޑް-19 ޖެހި އެޑްމިޓް ކުރުމާ ހަމައަށް ވެސް ޕަދުމާވަތީ ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުންޏެވެ.

ބަރުމާ ނުވަތަ މިހާރުގެ މިއަންމާ އަށް އުފަންވެވަޑައިގެންނެވި ޕަދުމާވަތީ އިންޑިއާ އަށް ހިޖުރަކުރީ 1942 ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. ޕަދުމާވަތީ އެންމެ ފުރަތަމަ ގުރެޖުއޭޓްވީ ރަންގޫން މެޑިކަލް ކޮލެޖުންނެވެ. ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް އަށް އިނގިރޭސިވިލާތަށް ވަޑައިގެން ރޯޔަލް ކޮލެޖް އޮފް ފިޒީޝަން އޮފް ލަންޑަނުގެ ފެލޯޝިޕެއްގައި ކިޔަވާ ވިދާޅުވި އެވެ. ޕަދުމާވަތީ ވަނީ ބޯލްޓިމޯގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީ އަދި ފަހުން ބޮސްޓަންގެ ހާވަޑް މެޑިކަލް ސްކޫލުން ވެސް ތަމްރީނު ވެވަޑައިގެންފަ އެވެ.