އެމެރިކާގެ ދެ ކުންފުނި ކަމަށްވާ މާކް އާއި މޮޑާނާ ގުޅިގެން އުފެއްދި ކެންސަރުގެ ހާއްސަ ފަރުވާއަކުން، ހަމުގެ ކެންސަރު (މެލަނޯމާ) އަލުން އުފެދުން ކުޑަކޮށްދޭކަން ފަހުގެ ކްލިނިކަލް ޓްރަޔަލްއަކުން ދައްކައިފި އެވެ.
ތަޖުރިބާކާރުން ވަނީ މިއީ ކެންސަރުގެ ފަރުވާއަށް އައި ބޮޑު "އިންގިލާބީ ކުރިއެރުމެއް" ކަމަށް ސިފަކޮށްފަ އެވެ.
މި ޚަބަރާއެކު މޮޑާނާގެ ހިއްސާގެ އަގު 145 ޕަސެންޓް އުފުލި 154 ޑޮލަރަށް އަރާފައިވާއިރު، މާކްގެ ހިއްސާގެ އަގު ވަނީ 12 ޕަސެންޓަށްވުރެ މައްޗަށް ގޮސް 152 ޑޮލަރަށް އަރައިފަ އެވެ.
"އިންޓިސްމެރާން އޯޓޯޖީން" ގެ ނަން ދީފައިވާ މި ބޭހަކީ ކޮވިޑް-19 ވެކްސިންތައް އުފެއްދުމަށް ބޭނުންކުރި މެސެންޖަ އާރްއެންއޭ (އެމްއާރްއެންއޭ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މިއީ އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެންސަރަށް ދޭ ފަރުވާއަކުން ބޮޑު ކްލިނިކަލް ޓްރަޔަލްއެއްގައި މިފަދަ ކާމިޔާބު ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރެވެ.
މޮޑާނާގެ ސީއީއޯ އެސްޓެފާން ބަންސެލް ވިދާޅުވީ މިއީ މޮޑާނާއަށާއި، އެމްއާރްއެންއޭ ސައިންސަށް އަދި އެންމެ ހާއްސަކޮށް ކެންސަރު ބަލީގެ މީހުންނަށް ލިބުނު ވަރަށް ތާރީހީ ކުރިއެރުމެއް ކަމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރަޔަލްގައި 1،137 ބަލިމީހުން ބައިވެރިވި އެވެ. އޮޕަރޭޝަންކޮށްގެން ކެންސަރު ނައްތާލި، މި ބަލިމީހުން ދެ ބަޔަކަށް ބަހާލި އެވެ. އޭގެތެރެއިން ދެބައިކުޅަ އެއް ބައި މީހުންނަށް ދިނީ މި އާ ފަރުވާއާ އެކު މިހާރުވެސް ބޭނުންކުރާ "ޕެމްބްރޯލިޒުމާބް" އެވެ. ބާކީ ތިބި ބަލިމީހުންނަށް ދިނީ ހަމައެކަނި ޕެމްބްރޯލިޒުމާބް އެވެ.
މި ދެ ކުންފުނިން ވެސް ބުނީ ކުރިއަށްއޮތް ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި މި ދިރާސާގެ ފުރިހަމަ މައުލޫމާތު ހިއްސާކޮށް، ބޭސް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނެ ކަމަށެވެ.
މި ދިރާސާގައި ބައިވެރިނުވާ އޮކްސްފޯޑް ޔުނިވަސިޓީގެ އޮންކޮލޮޖިސްޓް ލެޑާން ލީ ވިދާޅުވީ މިއީ ވަރަށް އުއްމީދީ ނަތީޖާއެއް ކަމަށާއި، ފުރިހަމަ މައުލޫމާތު ފެންނާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށެވެ.
ލަންޑަންގެ ބާޓްސް ކެންސަރު އިންސްޓިޓިއުޓްގެ ޕްރޮފެސަރު މާކޯ ޖާލިންގާ ވިދާޅުވީ މިއީ މެލަނޯމާ ބަލިމީހުންނަށް ލިބުނު އުފަލެއްގެ އިތުރުން، ކެންސަރަށް ހާއްސަކޮށްގެން ތައްޔާރުކުރާ ވެކްސިން ސިލްސިލާތައް މަސައްކަތްކުރާކަން ސާބިތުވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި ފަރުވާ ދެނީ ބަލިމީހާގެ ހަށިގަނޑުން ކެންސަރު ސެލްގެ ސާމްޕަލެއް ނަގައި، އޭގެ ހާއްސަ ޖީން ނުވަތަ "ފިންގަޕްރިންޓް" ދެނެގަތުމަށްފަހު، އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާނެ ގޮތް ތައްޔާރުކޮށްގެންނެވެ.
މެލަނޯމާއަކީ ހަމުގެ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބާވަތެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އެކަނިވެސް މުޅި ދުނިޔެއިން 330،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެ އެވެ.
މޮޑާނާގެ ސީއީއޯ ބަންސެލް ވިދާޅުވީ، މާކް ކުންފުންޏާ އެކު މިހާރު އަންނަނީ ފުއްޕާމޭ، ބްލެޑާ އަދި ކިޑްނީގެ ކެންސަރު ފަދަ ބަލިތަކަށް މި ފަރުވާ ބޭނުންކުރެވޭނެ ގޮތްތަކާ މެދު ދިރާސާކުރަމުން ކަމަށެވެ.