ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަޑައިގަތުމުން، އައްޑޫގެ ދާއިރާތަކަށް ނިސްބަތްވާ ހުރިހާ މެންބަރުންހެން އޮއްސާލެއްވީ ހަމަ އެއް ސުވާލެކެވެ؛ އައްޑުއަށް ވައުދުވި 5،000 އެނދު ކޮބައި ހެއްޔެވެ؟ ހަންކެޑެ އާއި ޝަންގްރިލާ އާއި ހެރެތެރެ އޮތީ "ގަލުގައި" އަޅާފައި ހެއްޔެވެ؟ އައްޑު އަށް ޓޫރިޒަމް ނުގެންދެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކަށް މިނިސްޓަރަށް ވެސް ދެއްވޭނެ ޖަވާބެއް ނެތެވެ.

އައްޑު އަށް ޓޫރިޒަމް ގެންދިއުމަކީ ރައީސް މައުމޫންގެ ދައުރުން ފެށިގެން ވެސް ކުރަމުން އައި އުންމީދެކެވެ. އެކި ގޮތްގޮތަށް އެ މަސައްކަތް އޭރުން ފެށިގެން ވެސް އަންނަނީ ކުރަމުންނެވެ. އައްޑޫގައި ޓޫރިޒަމް ކާމިޔާބު ކުރެވޭތޯ އެކި ސިފަސިފައިގައި، އެކި ގޮތްގޮތަށް، އަދި އެކި ޕްލޭންތަކުގައި މަސައްކަތް ކުރެވިއްޖެ އެވެ. އެކަމަކު، ހުޅުވާ ރިސޯޓެއް ވިއްޔާ ހިނގައިގަންނަނީ މަދު ދުވަސްކޮޅަކަށެވެ. ރައްޔިތުން އެތައް ބަޔަކު ހިއްސާވާ ގޮތަށް އުފެއްދި ފުރަތަމަ ރިސޯޓް ވެސް އައްޑޫގައި ހުޅުވި، އެންމެ ފަހު ވަގުތު ތަޖުރިބާކުރީ ހިތްދަތި ދަތުރެކެވެ.

އައްޑޫގައި އޮންނަ ކެނަރީފް ރިސޯޓް: އެ ރިސޯޓުގައި 200 މުވައްޒަފުން މަސައްކަތް ކުރޭ.
އައްޑޫގައި އޮންނަ ކެނަރީފް ރިސޯޓް: އެ ރިސޯޓުގައި 200 މުވައްޒަފުން މަސައްކަތް ކުރޭ.

އައްޑޫގެ ޓޫރިޒަމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިން 500 އެނދުގެ ޝަންގްރިލާ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ބަންދުކުރި ފަހުން ނުހުޅި އޮތް އިރު މީގެ ކުރިން އައްޑޫ ހެރެތެރެ ރިސޯޓު ވެސް ނުހުޅުވި، އެތައް ދުވަހެއް ވެގެންދިޔަ އެވެ. އައްޑޫގައި ހުޅުވާ ރިސޯޓުތަކަށް އެކި މައްސަލަތައް ކުރިމަތިވެ ހުއްޓުމަކަށް އައުމަކީ އާކަމެއް ނޫނެވެ.

އައްޑޫ ޝަންގްރިލާ އަދިވެސް ގަންނާނެ ބަޔަކު ނެތް

އައްޑޫގައި ހުޅުވި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑު ރިސޯޓު ކަމަށްވާ ޝަންގްރިލާ ވިލިނގިލި އައިލެންޑް ރިސޯޓު ނުހުޅުވިގެން އުޅެންޖެހޭ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ. އެތަން ވިއްކާލުމަށް އެ ކުންފުނީގެ ހިއްސާދާރުން މަސައްކަތް ކުރަމުން އަންނަ އިރު، އަދިވެސް ރިސޯޓު ގަންނާނެ ބަޔަކު ނެތެވެ.

ހޮންގްކޮންގުގެ ހޮޓެލް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ތަރައްގީކޮށް 2005 ވަނަ އަހަރު ހުޅުވި އެ ރިސޯޓުގެ ހިއްސާ ގަތުމަށް އެކަމުގެ މައުލޫމާތު ހޯއްދެވި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ރިސޯޓުގެ ހިއްސާ ގަނެގެން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެހެންވެ، އެއީ މި ވަގުތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޝަންގްރިލާ ވިލިނގިލި ރިސޯޓުގެ ބީޗް ވިލާއެއް. އެ ރިސޯޓުގައި 500 އެނދު ހުރޭ--
ޝަންގްރިލާ ވިލިނގިލި ރިސޯޓުގެ ބީޗް ވިލާއެއް. އެ ރިސޯޓުގައި 500 އެނދު ހުރޭ--

"މި ދައްކަނީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓްގެ ވާހަކަ. އެކަން ކޮށްގެން އެ ރިސޯޓުން ފައިދާ ވާނެތޯ،" އޭނާ ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް އެ ރިސޯޓު ހިންގީ ގެއްލުމުގައި ކަމަށާއި އެވަރުގެ ބޮޑު އިންވެސްޓްމެންޓެއް ކޮށްގެން ގެއްލުމުގައި ހިންގަން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރިސޯޓު ހިންގާ ނަމަ، ކުރިން ގެންގުނު ވަރަށް ގިނަ ކަންކަން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

އައްޑޫގައި ހިންގާ ރިސޯޓުތައް ހިންގުމުގައި ސިޔާސީ ނުފޫޒު ބޮޑުވުމަކީ އަމިއްލަ ފަރާތްތަކަށް އެ ސަރަހައްދުގައި ޓޫރިޒަމް ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އެބަ ވައުދުވޭ، ރިސޯޓުގައި މަސައްކަތް ކޮށްފައި އެނބުރި ރަށަށް ކޮންމެ ދުވަހަކު ދެވޭ ގޮތަށް ފެރީ ބާއްވަން. މިއީ ޝަންގްރިލާ ފަދަ ގެއްލުމުގައި ހިންގާ ތަނަކަށް އެފޯޑު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޝަންގްރިލާ ރިސޯޓުގެ ވޯޓާ ވިލާއެއް. އެ ރިސޯޓު ބަންދުކޮށްފައިވާ އިރު ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: ޝަންގްރިލާ
ޝަންގްރިލާ ރިސޯޓުގެ ވޯޓާ ވިލާއެއް. އެ ރިސޯޓު ބަންދުކޮށްފައިވާ އިރު ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: ޝަންގްރިލާ

މިފަދަ ވައުދުތަކާ ހެދި ރައްޔިތުންގެ ޑިމާންޑު ވެސް ބޮޑުވެ އެވެ. އެހެންވެ މިއީ ވެސް ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ.

އެ ރިސޯޓު ވިއްކާލުމުގެ މަޝްވަރާތައް ކުރި ނަމަވެސް، އެ ރިސޯޓު ގަންނާނެ ބަޔަކާ ހިސާބަށް ދެވޭ ވަރެއް ނުވެ އެވެ. ސަބަބަކީ އެގްރީމެންޓުގައި ހުރި ތަފާތު ޝަރުތުތަކާއި، ކުރީގައި ވެސް ބޮޑު ގެއްލުމުގައި ހިންގުމެވެ.

އެކަމަކު ސަރުކާރުން އަންނަނީ ޝަންގްރިލާގެ 30 ޕަސެންޓް ހިއްސާ ވިއްކާލެވޭތޯ ބަލަމުންނެވެ. އެކަން ގޮސްފައި އޮތް ހިސާބެއް ބަލަން ވެގެން ކުރި މަސައްކަތަށް އަދި ޖަވާބެއް ނުލިބެ އެވެ.

ބޭނުންވަނީ ރަނގަޅު އެއާޕޯޓަކާއި ސީރިއަސް ޕްލޭނެއް

އައްޑު އާއި ދެކުނުގެ އަތޮޅުތަކުގައި ޓޫރިޒަމް ރަނގަޅަށް ހިނގައިގަތުމަށް 8،000 އެނދު ބޭނުންވެ އެވެ. އެކަން އަދި ހަގީގަތަކަށް ނުވެ އޮތީ، ރާއްޖެއިން ބޭރުން ދަތުރު ކުރެވޭނެ ރަނގަޅު ފެންވަރެއްގެ އެއާޕޯޓެއް ނެތުމުންނެވެ. އެއާޕޯޓެއް ނެތުމުން، ޓޫރިސްޓުން އެ ސަރަހައްދަން ގެންދަން ކުރަން ޖެހޭ ހަރަދުތައް ވަރަށް ބޮޑެވެ. އެހެންވެ، އަމިއްލަ ފަރާތްތަކުން އައްޑޫގައި އިންވެސްޓު ކުރަން ޖެހިލުން ވެ އެވެ.

ފުށިފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ، އައްޑު އަށް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ޓޫރިޒަމް ގެންދަން ރަނގަޅު ފެންވަރެއްގެ ޕްލޭނެއް ބޭނުންވާ ކަމަށެވެ.

"ރެގިއުލޭޝަންތައް އެވަރަށް ސަޕޯޓު ވެސް ނުކުރޭ ޑައިރެކްޓްކޮށް ހުރިހާ ޑެސްޓިނޭޝަނަކަށް ފްލައި ކުރާކަށް. އެހެން ބައިވަރު ކަންކަން ވެސް ހުންނާނެ. މިސާލަކަށް އައްޑޫގައި އެހާވަރަށް ރިސޯޓުތައް ހެދިފައި ނެތުން. ވޮލިއުމެއް ނެތްތާކަށް އެއާލައިނަކުން ދަތުރު ފަށާކަށް ބޭނުމެއް ނުވާނެ. އެހެންވީމަ އެއާލައިނުތަކުން ބޭނުންވާ ކްރައިޓީރިއާއެއް ފުލްފިލްއެއް ނުވޭ އައްޑޫ އެއާޕޯޓުގައެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަތުރުފަތުރާއި އެނދު އިތުރުކުރުން ވެސް އެއްކޮށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ ސަރަހައްދެއްގައި ވެސް ޓޫރިޒަމް ފުރަތަމަ ފަށައިގަންނަނީ ގެއްްލުމުގައި ކަމަށެވެ. އެހެންވެ، އައްޑޫގައި މި ވަގުތު ގެއްލުމުގައި ރިސޯޓުތައް ހިންގި ނަމަވެސް، ވަކި ޕްލޭނެއްގެ ތެރެއިން އެކަން ކުރާ ނަމަ، އެ ސަރަހައްދަކީ ވެސް ޓޫރިޒަމުގެ މަންފާ ބޮޑު ކުރެވޭނެ ސަރަހައްދަކަށް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނެރީފް ރިސޯޓު: އެ ރިސޯޓުގައި 140 އެނދު އެބަހުރި-
ކެނެރީފް ރިސޯޓު: އެ ރިސޯޓުގައި 140 އެނދު އެބަހުރި-

"ބޮޑު ސިންގާ ސްޓްރެޓެޖިކް ޕްލޭނެއް ހެދިގެން ތިކަހަލަ ކަންކަން ދާނީ. ދެން ޑެސްޓިނޭޝަނެއްގެ ޑިވަލޮޕް ކުރާ އިރު 10-15 އަހަރު ދާނީ ގެއްލުމުގައި. ގޮސްފައި، އެޓްރެކްޓް ވެގެން ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ، އައްޑޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން، އެ ސަރަހައްދުގެ ޓޫރިޒަމް ހީނުކުރާ ބާރު ދުވެއްޔެއްގައި ކުރިއަށްދާނެ ކަމަށެވެ. އެކަން ކުރުމަށް ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަންވޭ އެކަނި ނުވާނެ. އެތަނުގެ ޑޮމެސްޓިކް ފްލައިޓުތަކުން ވެސް އިތުރު ރޫޓު ބޭނުންވޭ. މުޅި ސިސްޓަމް ހިނގައިގަތީމަ، އައްޑޫ ޓޫރިޒަމް ފުޅާވެގެން އަންނަ އިރު މީހުންނަށް އަންދާޒާ ނުކުރެވޭހާ ބާރު ސްޕީޑެއްގައި އެކަންވާނެ،" އޭނާ ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާ ބޯޓެއް ޖައްސަނީ. އެ އެއާޕޯޓު ބޮޑު ކުރުމަށް ވަނީ ރެނާޓަސްއާ ހަވާލުކޮށްފައި--ފޮޓޯ: މިހާރު
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާ ބޯޓެއް ޖައްސަނީ. އެ އެއާޕޯޓު ބޮޑު ކުރުމަށް ވަނީ ރެނާޓަސްއާ ހަވާލުކޮށްފައި--ފޮޓޯ: މިހާރު

އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް ދާދިފަހުން ސަރުކާރުން ވަނީ އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް އިން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެއާޕޯޓު ތަރައްގީކޮށް ނިމި، ބޭރުގެ ސީދާ ދަތުރުތައް ފެށިއްޖެ ނަމަ، ޓޫރިޒަމް ފުޅާވާނެ ކަމަށް ދާއިރާގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އައްޑު އަށް ކާމިޔާބު ޓޫރިޒަމެއް ގެންދިއުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެކަމަކު އެ ހުވަފެން އަދިވެސް ހަގީގަތަކަށް ނުވެ އެވެ. ވާނެ ގޮތެއް އަދި ނުވެސް ފެނެ އެވެ!