އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިހާބަށް، ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު އޮތީ ސިޔާސީ ފޯރި އެވެ. މަގުތަކުގައި ޕާޓީ ކުލައިން ދިދަ ދަމައި، ކެމްޕޭން އޮފީސްތަކުން އަޑު ހަރުކޮށް ކެންޑިޑޭޓުގެ ލަވަތައް ޖެހުމެވެ. އެކަމަކު ސިޔާސީ ވާދަވެރިކަން ބޮޑު، އއ. ބޮޑުފުޅަދޫގައި އެ ހުރިހާ ހަރަކާތްތަކެއް ވަނީ މެދުކަނޑާލައިފަ އެވެ.

"އަޅުގަނޑުމެން ހުރިހާ ޕާޓީތަކެއްގެ އިސް މީހުން މަޝްވަރާކޮށްގެން ނިންމީ އީދު ތެރޭގައި މި ފަދަ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން. ސިޔާސީ ހަރަކާތްތަކުން އެއްކައިރިވެ، ހަމައެކަނި އީދަށް ހާއްސަ ވެލަން،" އެ ރަށު ކައުންސިލްގެ ރައީސް ޕީޕީއެމްގެ ޝުޖާއު އާދަމް ވިދާޅުވި އެވެ.

އީދު ފާހަގަކުރަން ބޮޑުފުޅަދޫގެ ގެއެއްގައި ބޮކިފަތި ދަމާފައި: އެ ރަށުގެ ހުރިހާ ގެއެއްގައި ވެސް ބޮކިފަތި ދަމަން ހަމަޖައްސާފައިވޭ
އީދު ފާހަގަކުރަން ބޮޑުފުޅަދޫގެ ގެއެއްގައި ބޮކިފަތި ދަމާފައި: އެ ރަށުގެ ހުރިހާ ގެއެއްގައި ވެސް ބޮކިފަތި ދަމަން ހަމަޖައްސާފައިވޭ

ކައުންސިލަރުންނާއި ސިޔާސީ ހަރަކާތްތަކުގައި ރަށުގައި އިސްކޮށް އުޅޭ މީހުންގެ މި ނިންމުމަށް ރަށުގެ ރައްޔިތުން ވަނީ މަރުހަބާ ކިޔާފަ އެވެ. ރަށުތެރޭގައި ޕާޓީ ކުލައިން ދިދަ ފަތި ދެމުން މެދުކަނޑާލައި، އީދަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ކޮންމެ ގެއެއްގައި ވެސް އަންނަނީ ބޮކިފަތިތައް ހަރުކުރަމުންނެވެ. އަދި ކެމްޕޭން އޮފީސްތަކުގައި ވެސް މިހާރު ޖަހަނީ އީދު ލަވަތަކެވެ.

"މިހާރު ނުޖަހާނެ ކެމްޕޭން ލަވަތަކެއް. އަޅުގަނޑުމެން އެގޮތަށް ނިންމައި، ވަކިވަކިން ގޭގެއަށް ގޮސް އާއްމުންނާ ވެސް ވާހަކަ ދައްކާފައިވާނީ،" ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ޝުޖާއު ވިދާޅުވި އެވެ.

އީދު ފާހަގަ ކުރުމަށް ބޮޑުފުޅަދޫ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ
އީދު ފާހަގަ ކުރުމަށް ބޮޑުފުޅަދޫ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ

އޭނާ ވިދާޅުވި ގޮތުގައި އީދު ދުވަހު ހެނދުނު، ކައުންސިލުން އިންތިޒާމްކޮށްގެން ބޮޑު ސައެއް ބާއްވާއިރު، އެ ސަޔަށް ކޮންމެ ގެއަކުން ވެސް ކާތަކެތި ގެންނާނެ އެވެ. އަދި ބޮޑުބެރާއި އެކި ކުޅިވަރުތައް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އީދުގައި މި ރަށް ތަފާތު ވާނެ ސަބަބަކީ މިއީ. ސިޔާސީ އެއްވެސް ހަލަބޮލިކަމެއް އީދުތެރެއަކު ނޯންނާނެ،" ޝުޖާއު ވިދާޅުވި އެވެ.