ކާލެވޭ ގޮތަށާއި ދުއްވޭ ގޮތަށް ތައްޔާރުކޮށްފައިވާ ދެ ރޭސް ކާރަކުން އެމެރިކާ އިން ދުނިޔޭގެ ރެކޯޑެއް ކަށަވަރުކޮށްފި އެވެ.
މި ރެކޯޑް ހެދުމުގެ ހަރަކާތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ފަހު، ރެކޯޑް ރަސްމީކޮށް ކަށަވަރުވީ މި ހަފުތާގަ އެވެ.
ރެކޯޑް ހެދި ކޭކު ކާރުތަކަކީ އެމެރިކާގެ ޕެސިފިކް ނޯތު ވެސްޓްގައި ޕްރިމިއާ ގޭމިން އާއި ޑައިނިން އާއި އެންޓަޓައިންމަންޓާއި ބޮޑެތި ބައްދަލުވުންތަކަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި މަޝްހޫރު އިލާނީގައި ތައްޔާރުކުރި ކޭކްތަކެވެ. ރެކޯޑް ހަދަން ކޭކުން ހުދާއި ކަޅުގެ ކާރުތަކެއް ހެދި އެވެ. އަދި އެ އެއްޗެހީގެ 90 ޕަސެންޓް ހަދާފައިވަނީ ކާލެވޭ ގޮތަށެވެ.
ކޭކުން ތައްޔާރުކުރި ކާރުތައް ރެކޯޑް ހެދީ އެ ދުއްވާ ވެސް ލައިގެންނެވެ. ކަޅު ކާރު ކޭކް 27.48 ކިލޯމީޓަރުގެ ރާސްތާއަކަށް ދުއްވި އިރު، ހުދު ކާރު 106.62 މީޓަރުގެ ދުރުމިނަކަށް ދުއްވުނެވެ.
ކޭކް ކާރުތައް އިލާނީ އިން ތައްޔާރުކުރީ މިފަދަ ގޮތްގޮތަށް ކޭކު އަޅަން މަޝްހޫރު އަދި ތަޖުރިބާކާރު މައިކް އެލްޑާގެ ބްލެކް ޝީޕް ކަސްޓަމް ކޭކްއާ ގުޅިގެންނެވެ. މައިކަކީ ކުރިން ވެސް ފާސްޓް އެޑިބަލް ވެހިކަލްގެ ރެކޯޑް އޮތް މީހެކެވެ. ދެހާސް ބާރައިގައި ހެދި އެ ރެކޯޑްގައި ކާރު ވެހިކަލަށް ދަތުރުކުރެވުނީ 17.2 ކިލޯމީޓަރަށެވެ. ނަމަވެސް މި ފަހަރު މި ވަނީ އޭނާގެ ރެކޯޑް އާ ވެސް ވެފަ އެވެ.
މައިކް ބުނި ގޮތުގައި މި ފަހަރު ރެކޯޑް ހެދި ދެ ކާރަކީ 414 މީހުންނާ އެކު، 46 ގަޑިއިރަށް ކުރި މަސައްކަތުގެ ނަތީޖާ އެވެ.
އިލާނީން މި ރެކޯޑް ހެދި އިރު ކޭކު ކާރު ދުއްވަން ބޭނުންކުރީ އޮޓޯ-ރޭސިން އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ މައިކަލް އެންޑްރެޓީ އެވެ.
"އަހަރެން ވަރަށް އުފާކުރަން އިލާނީ އާއި ބްލެކް ޝީޕް ގުޅިގެން ހެދި މި ރެކޯޑްގައި ހިއްސާވާ ފުރުސަތު ނުލިބުނީތީ،" އޭނާ ބުންޏެވެ.