ރޫމޮޓޮއިޑް އާތުރައިޓީސްގެ ސަބަބުން އައިޝަތު ޝެރީނަށް މަސައްކަތް ނުކުރެވޭތާ އަހަރެއް ވަނީ އެވެ. ގައިގެ ހުޅުތައް ދުޅަވެ ރިއްސައި، ރަނގަޅަށް ނުހިނގޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އަތުގެ ހުޅުތަކަށް އެޅި ވޭނަށް ކެތްކުރަމުން އަމިއްލައަށް ތައްޔާރު ކުރި މި ގުލްދަސްތާއިން ގިނަ ބަޔަކު ވަނީ ހައިރާންކޮށްލައިފަ އެވެ. ނަމަވެސް އެކި ކުލަކުލައިގެ މާތަކުން ޖަރީކޮށްލާފައިވާ ގުލްދަސްތާއަކީ އަސްލެއް ނޫނެވެ. ހުރިހާ ބައިތަކެއް ވެސް ކެވޭ ގޮތަށް އަޅާފައިވާ ކޭކެވެ.

މިދިޔަ ހަފުތާގައި ބޭއްވި ފަންނު އެކްސްޕޯއިން ފެންނަން ހުރި މި ގުލްދަސްތާ އާއި "ފަތިހަށް ގޮވާ ހާލާއި ކާޅު"ގެ އިތުރުން އެމްޓީސީސީގެ ބިޔަ ކޮންނަ ބޯޓު މަހާޖައްރާފަކީ ވެސް ހަމަ ކޭކެވެ.

އެތައް ވޭނަކާ އެކު ތައްޔާރުކުރި ޝެރީންގެ ގުލްދަސްތާ

ޝެރީން އެޅި ގުލްދަސްތާ ކޭކު. މި ކޭކުގައި ބޭނުން ކޮށްފައިވަނީ އޭނާ ހަދާފައިވާ ޝުުގާ ފްލާވާ
ޝެރީން އެޅި ގުލްދަސްތާ ކޭކު. މި ކޭކުގައި ބޭނުން ކޮށްފައިވަނީ އޭނާ ހަދާފައިވާ ޝުުގާ ފްލާވާ

އާތުރައިޓީސްގެ ސަބަބުން، އުމުރުން 50 އަހަރުގެ ޝެރީންގެ ހުވަފެންތަކަށް ވަނީ ހުރަސް އެޅިފަ އެވެ. އެކަމަކު ބަލީގެ ވޭނުގައި އޮންނާކަށް އޭނާ ބޭނުމެއް ނުވި އެވެ. އެންމެ ކުރާހިތްވާ މަސައްކަތް، ކޮންމެ ހާލެއްގައި ވެސް ކުރެވިދާނެކަން ޝެރީން ބޭނުންވީ ސާބިތުކޮށްދޭށެވެ. އެހެންވެ، ފަންނު އެކްސްޕޯއަށް އޭނާ ތައްޔާރު ކުރި ގުލްދަސްތާ ކޭކު ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ.

ވާސްއަކަށް ޖަހާފައިވާ އެކި ކުލަކުލައިގެ މާތައް އޭނާ ހެދީ، ގޭގައި އަމިއްލައަށް ތައްޔާރުކުރި ގަމްޕޭސްޓުންނެވެ. މުޅި ކޭކު ނިންމަން 45 ދުވަސް ނެގި އިރު، ޝެރީން ބުނިގޮތުގައި އެއިން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެވެނީ ވަރަށް ހާލުންނެވެ. އިނގިލީގެ ހުޅުތަކުގައި ރިއްސާތީ، މަސައްކަތް ނުކުރެވިގެން އެތައް ފަހަރަކު ހުއްޓާލި އެވެ. އެކަމަކު އާ އަޒުމަކާ އެކު އަލުން މަސައްކަތް ފަށަނީ އެކަމަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

"ވަރަށް ތަދުވޭ އިނގިލިތަކަށް. އެކަމަކު ގިވްއަޕް ކުރަން ބޭނުން ނުވީ،" ބަލީގެ ސަބަބުން ކޭކު އެޅުމާ މިހާރު ދުރުގައި ހުރި ޝެރީން ބުންޏެވެ.

ޝެރީންގެ ކޭކުގައި ހުރި ބައެއް މާ: މިއީ ހުސް އޭނާ ހަދާފައިވާ ޝުގާފްލާވާ
ޝެރީންގެ ކޭކުގައި ހުރި ބައެއް މާ: މިއީ ހުސް އޭނާ ހަދާފައިވާ ޝުގާފްލާވާ

"މިއީ އެންމެ ލޯބިވާ މަސައްކަތް. އެހެންވެ، ބޭނުންވީ ވޭނާ އެކު ވެސް މި މަސައްކަތް ކުރެވިދާނެކަން ދައްކައިދޭން."

ޝެރީންގެ މި ކޭކަށް މުބާރާތުން ތިން ވަނަ ލިބުނެވެ. ހަކުރުން ހަދާފައިވާ އެ މާތައް، ކައިރިން ބަލައިލުމުން ވެސް އެއީ އަސްލެއް ނޫންކަން ނޭނގޭހާ ފުރިހަމަ އެވެ.

ޝެރީން ބުނީ މާ ހެދުމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކަމަށާއި މަލުގައި ހުންނަ އެންމެ ކުދިކުދި ކަންކަން ވެސް ތަފްސީލު ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެހެންވެ، ބައެއް ފަހަރު ގަހުން މާ ބިނދެގެން ގެއަށް ގެނެސް، އެއަށް ބަލައިގެން ވެސް އޭނާ ޝުގާ ފްލާވާ ހަދަ އެވެ.

މީގެ 24 އަހަރު ކުރިން ކޭކު އަޅަންް ފެށި ޝެރީން ކުރިން ވެސް އެ މަސައްކަތް ދޫކޮށްލަން ޖެހުނެވެ. އާމްދަނީ ހޯދަން އޮފީހަކަށް ވަންނަން ޖެހުމުން، އޭރު ކޭކު އެޅުން ހުއްޓާލި ނަމަވެސް އެ މަސައްކަތް 2016 ގައި އަލުން ފަށައިގަތީ ކޭކު އަޅައިގެން އާއްމުންނަށް އެހީތެރިވުމުގެ ނިޔަތާ ވެސް އެކުުގަ އެވެ. "ކޭކު ޑޯނާސް"ގެ ނަމުގައި އަޅާ ކޭކު ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރީ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ. އެކަމަކު ވަޒީފާ ދޫކޮށްލައި، އަލުން ކޭކު އެޅުމުގެ ވިޔަފާރީގެ ތެރެއަށް ވަނަސް ޖެހިގެން އައި އަހަރު، އާތުރައިޓިސްގެ އަލާމާތްތައް ފެންނަން ފެށި އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ، އެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

"ދެން ޖެހުނީ މި މަސައްކަތް ވެސް ދޫކޮށްލަން. ވަރަށް ދެރަވި. އެކަމަކު އުމުރު ދުވަހު މި ބަލީގައި އަޅުގަނޑަށް އުޅެން ޖެހޭނެތީ، މި ވޭނާ އެކުގައި ވެސް އުޅެން ދަސްކުރަން އަޅުގަނޑު ބޭނުން،" ޝެރިން ބުންޏެވެ.

އަމިއްލައަށް ކޭކު އަޅައިގެން އެއިން ނަފާ ނުހޯދުނަސް، އޭނާ މިހާރު އަންނަނީ އެ މަސައްކަތް މީހުންނަށް ދަސްކޮށްދެމުންނެވެ.

"ފަތިހުގެ މުދިމަށް ބަންގި ދިނީމާ، ހާލާ ކާޅުގެ އަޑު އިވުނީމާ"

މަރިޔަމް ޝަފާނާ ނުވަތަ ޝަފާ ބުނިގޮތުގައި ފަންނު އެކްސްޕޯއަށް އޭނާ ތައްޔާރުކުރި ބޮޑު ކޭކުގެ ހިޔާލު އައީ ލަވައަކުންނެވެ. މޭނާ ހައްސާނުގެ "ފަތިހުގެ މުދިމަށް ބަންގި ދިނީމާ، ހާލާ ކާޅުގެ އަޑު އިވުނީމާ" ލަވަ ރޭޑިއޯއިން އިވުނު ހިސާބުން، އެ ހާލާއި ކާޅު ކޭކަކަށް ހަދަން ޝަފާ ބޭނުންވި އެވެ. އެހެންވެ، ފަންނު އެކްސްޕޯއިން ފުރުސަތު ލިބުމާ އެކު، ހާލާއި ކާޅު ހިމެނޭ އެ ކޭކު އޭނާ ނިންމާލީ އެންމެ ދެ ހަފުތާއިންނެވެ.

ޝަފާގެ ކޭކުގައި ހިމެނޭ ހާލާއި ކާޅު
ޝަފާގެ ކޭކުގައި ހިމެނޭ ހާލާއި ކާޅު

ކުރު މުއްދަތެއްގެ ތެރޭގައި ކޭކު ނިންމާލި ނަމަވެސް، އެއީ ބުރަ މަސައްކަތެކެވެ. ގަމް ޕޭސްޓާއި މޮޑެލިން ޕޭސްޓް ފަދަ ތަފާތު އެއްޗެހި ބޭނުންކޮށްގެން ކޭކު އެޅީ ވަރަށް އަސްލާ އެއްގޮތަށެވެ. ހާލާއި ކާޅުގެ ފަތްތަކާއި ގަހުގެ ތޮށިގަނޑުގެ ވަރަށް ކުދި ކުދި ތަފްސީލުތައް ވެސް ފެންނަން ހުއްޓެވެ.

ޝަފާ ބުނިގޮތުގައި ކޭކު އެޅުމަށް، ލަވައިން އޭނާގެ ބޮލަށް ވަތް ތަސްވީރު އެންމެ ފުރަތަމަ ގަނޑެއްގައި ކުރެހީ އެވެ. ދެން އެއާ އެއްގޮތަށް މޮޑެލެއް ހަދައި، އެންމެ ކުދި ތަފްސީލުތައް ވެސް ހިމަނައިގެން އެއަށް ސިފަ ގެނައީ އެވެ. ދެން ކޭކު ފުރިހަމަކުރީ އޭގައި ކުލަ ޖައްސައިގެންނެވެ.

"އެންމެ އުނދަގޫވީ ޕެއިންޓް ކުރަން. އާއްމު ގޮތެއްގައި ދުވާލަކު ތިން ގަޑިއިރު މަސައްކަތް ކުރަން ޖެހޭ،" މުބާރާތުން ދެ ވަނަ ލިބުނު އެ ކޭކާ ގުޅޭ ގޮތުން ތިން ކުދިންގެ މަންމަ ބުންޏެވެ.

ޝަފާ މަޝްހޫރު ވެފައިވަނީ ވެސް ވަރަށް ކުދިކުދި ތަފްސީލުތަކާ އެކު ފިގާސް ހިމަނައިގެން ކޭކު އަޅާ މީހެއްގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި ކޭކު އަޅާ ގިނަ ބަޔަކު ތިބި ނަމަވެސް އެއީ ޑިމާންޑް ބޮޑު، ކުރިއަށް ދެވިދާނެ މަސައްކަތެކެވެ. ގޭގައި ދަރިންގެ ގާތުގައި ތިބެގެން، މަހަކު 15،000 ރުފިޔާ ވެސް ހޯދިދާނެ ކަމަށާއި ރަނގަޅަށް މަސައްކަތް ކުރެއްވިއްޖެ ނަމަ އޭގެ ދެ ގުނަ ވެސް ހޯދިދާނެ ކަމަށް އޭނާ ބުންޏެވެ.

ޝަފާގެ ކޭކަށް ދެ ވަނަ ލިބުމުން ދިން އެވޯޑާ އޭނާ ހަވާލުވަނީ
ޝަފާގެ ކޭކަށް ދެ ވަނަ ލިބުމުން ދިން އެވޯޑާ އޭނާ ހަވާލުވަނީ

ހަތް ފޫޓުގެ މަހާޖައްރާފު

ފަންނު އެކްސްޕޯއަށް ކޭކު އެޅުމުގެ ހިޔާލު އައުމާ އެކު، ޔާސްމީން ރަޝީދު ބޭނުންވީ ރާއްޖެއާ ގުޅޭ ވަރުގަދަ "އެއްޗަކަށް" ކޭކު އަޅާށެވެ. އެހެންވެ އޭނާ ޚިޔާރު ކުރީ، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށް 2017 ގައި އެމްޓީސީސީން ގެނައި މަހާޖައްރާފެވެ.

ހަތް ފޫޓުގެ އެ ކޭކު ޔާސްމީން އެޅީ މަހާޖައްރާފު އެއްކޮށް ނަކަލުކޮށްގެންނެވެ. ކުދިކުދި ތަފްސީލުތަކާ އެކު ކޭކު ފުރިހަމަކުރުމުން ހީވަނީ ހަމަ އަސްލެއްހެންނެވެ.

"މީހުން ވަރަށް އިމްޕްރެސްޑްވި. ވަރަށް ހައިރާންވެފައި މީހުން ތިބީ އަސްލާ ވައްތަރުކަމުން،" ޔާސްމީން ބުންޏެވެ.

އޭނާގެ އެ ކޭކު އަޅާފައިވަނީ ވެސް މުޅިން އެޑިބަލް އެއްޗެހި ބޭނުންކޮށްގެންނެވެ.

މުބާރާތުން ވަނައަކާ ހަމައަށް ނުދިޔަ ނަމަވެސް، ޔާސްމީން ހުރީ އެހާ ފުރިހަމަ ކޭކެއް އެޅުމުން ހިތްހަމަ ޖެހިފަ އެވެ. އޭނާ ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި މި ފަދަ އެހެން މުބާރާތްތަކުގައި ވެސް ބައިވެރިވެ، ވަރުގަދަ ކޭކުތައް އަޅާނެ އެވެ.

ފަންނު އެކްސްޕޯއިން ދިވެހިންގެ ގިނަ ހުނަރުތައް ފެނުނެވެ. އެކަށީގެންވާ ވަރަށް މާކްސް ނުލިބިގެން، ކޭކު އެޅުމުގެ ކެޓަގަރީން އެއް ވަނަ ނުހޮވި ނަމަވެސް، މި ކޭކުތައް ހަމަ ވަރަށް ފުރިހަމަ އެވެ.