އެމެރިކާގެ މަޝްހޫރު އެއާލައިން ޑެލްޓާ އެއާލައިންސްގެ މުވައްޒަފުން ބޭނުންކުރާ ޔުނިފޯމުތަކަކީ ސިއްހަތަށް ގެއްލުންވާ ގޮތަށް ފަރުމާ ކޮށްފައިވާ އެއްޗެހި ކަމަށް ބުނެ، އެ ކުންފުނީގެ މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ޔުނިފޯމް ތައްޔާރު ކޮށްދޭ ކުންފުންޏަށް ދައުވާކޮށްފި އެވެ.
މީޑިއާ އިން ރިޕޯޓް ކޮށްފައިވާ، ޑެލްޓާ އެއާލައިންސްގެ ޔުނިފޯމްތައް ތައްޔާރު ކޮށްދޭ ލޭންޑްސް އެންޑަށް ދައުވާކުރި މުވައްޒަފުންގެ އަދަދު 500 އަށް ވުރެ ގިނަ އެވެ. އަދި މީގެ ތެރޭގައި ގިނައީ ކެބިން ކްރޫންނެވެ.
އެ މީހުން ކުރާ ދައުވާގައި ބުނީ މަސައްކަތުގައި ބޭނުންކުރާ ޔުނިފޯމްތަކުން ސިއްހީ އެކި ކަހަލަ މައްސަލަތައް ކުރިމަތުވަމުންދާ ކަމަށާއި މިކަމުގެ ކަންބޮޑުވުންތައް ހިއްސާކުރި ނަމަވެސް އެކަށީގެންވާ އިޖާބައެއް ދީފައިނުވާ ކަމަށެވެ. އަދި މިކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެންނަން މުވައްޒަފުން ވަނީ ފޭސްބުކް ޕޭޖެއް ވެސް ހަދައި އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފަ އެވެ.
ޔުފޯނިމްތައް ފަރުމާކޮށްފައިވާ ގޮތުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގަޔަށް ބާރުކަމުން ނޭވާލާން އުނދަގޫވުމާއި މައިގްރޭނާއި ވޯކަލް ކޯޑް ޑިސްފަންކްޝަނާއި ގައިގެ ހަމުގައި ބިހިތައް ނެގުމާއި ހަންގަނޑު ކުރަކަވި ހަލާލުވުމާއި ނޭފަތުން ލޭ އައުމާއި ކަންފަތް ބައްވުމާއި ލޮލުގެ ފެނުމަށް ވެސް ނޭދެވޭ އަސަރުކުރުން ހިމެނެ އެވެ.
މުވައްޒަފުންގެ ފަރާތުން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ ބްރޫސް މެކްސްވެލް މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ޑެލްޓާ އެއާލައިންސާ މުވައްޒަފުން ޔުނިފޯމްގެ މައްސަލާގައި ދައުވާ ކުރުމަކީ މުވައްޒަފުންގެ ސިއްހީ ހާލަތަށް އެއާލައިނުން ވެސް ރިއާޔަތް ނުކުރާ ކަމުގެ ހެއްކެކެވެ.
"މި މައްސަލަ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން،" ވިންކޮންސަން ފެޑެރަލް ކޯޓަށް ވައްދާފައިވާ މައްސަލައާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ޑެލްޓާ އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނީ 2018 އިން ފެށިގެން އަލަށް ބޭނުން ކުރަމުން އަންނަ ޔުނިފޯމްތަކަކީ މުވައްޒަފުންނަށް ރައްކާތެރި އެއްޗެހި ކަމަށެވެ. އެހެންވެ، ޔުނިފޯމް ރައްކާތެރި ނޫން ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް ބުންޏެވެ.
"ވަރަށް ގިނަ ދިރާސާތަކެއް ހަދައި، އެންމެ މަތީ ފެންވަރުގެ ފޮތި ބޭނުންކޮށްގެން ޔުނިފޯމްތައް ތައްޔާރު ވެސްކޮށްފައި ހުންނާނީ،" ބަޔާނުގައި ބުންޏެވެ.
"އަދި މި ޔުނިފޯމްތަކުގެ މެޓީރިއަލްތަކުގައި މިންގަނޑަށް ނުފެތޭ ވަރަކަށް ކެމިކަލްގެ އެއްވެސް ބާވަތެއް ވެސް ނުހުންނާނެ."
މި މައްސަލާގައި ލޭންޑްސް އެންޑުން އަދި އޮތީ ހިމޭނުންނެވެ. ކްލޯތިން ކުންފުންޏެއްގެ ގޮތުގައި މަޝްހޫރު ލޭންޑްސް އެންޑަކީ 1963 ގައި ވުޖޫދަށް އައި ކުންފުންޏެވެ.
މީގެ 94 އަހަރު ކުރިން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ނުކުތް ޑެލްޓާ އެއާލައިންސަކީ 52 ގައުމެއްގެ 325 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ.