ރާއްޖޭގެ ޓެކްސް ނިޒާމު ހަމަހަމަކޮށް ފަރަގުތައް ނައްތާލުމަށް ވިޔަފާރިތަކުގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ، ޕްރޮގްރެސިވް ޓެކްސްއަކަށް ބަދަލުކުރަން އެމްއެމްއޭ އިން ލަފާދީފި އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ލަފާގައިވާ ގޮތުން ރާއްޖޭގެ ޓެކްސް ނިޒާމަކީ އާމްދަނީގެ ފަރަގު ކުޑަކުރަން ބާރު އަޅާ ނިޒާމަކަށް ހަދަން ޖެހޭނެ އެވެ. އެކަން ކުރުމަށް "އިންކަމް ޓެކްސް" ނެގުމުގެ ނިޒާމާ އެއްގޮތައް ބީޕީޓީއަށް ބަދަލުގެންނަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

މިކަން ކުރުމަށް ޓެކްސް ވިޔަފާރިތަކަށް ކުރާނެ އަސަރު ބެލުމަށް ދިރާސާކުރުން ވަރަށް މުހިއްމު ކަމަށް ލަފާގައިވެ އެވެ.

ޓެކްސް ގާނޫނުގައިވާ ގޮތުން ފަސް ލައްކަ ރުފިޔާއަށް ވުރެ އިތުރަށް ފައިދާ ލިބޭ ހުރިހާ ވިޔަފާރިއަކުން 15 ޕަސެންޓުގައި ބީޕީޓީ ދައްކަންޖެހެ އެވެ. ޕްރޮގްރެސިވް ޓެކްސްއެއް އައުމުން ކުޑަ އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކްސްގެ އަދަދު ކުޑަވާނެ އެވެ. އަދި ބޮޑު އާމްދަނީއެއް ލިބޭ ނަމަ ދައްކާ ޓެކްސް ވެސް އިތުރުވާނެ އެވެ.

މިއަހަރު ދައުލަތަށް ބީޕީޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަންނަ އަހަރު ބީޕީޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކޮވިޑްގެ ކުރިން ބީޕީޓީގެ ގޮތުގައި އާންމުކޮށް އަހަރު ދެ ބިލިއަން ރުފިޔާ ލިބެ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ގިނަ ކުންފުނިތަކަކަށް ގެއްލުންވެފައިވުމުން ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސް ވެސް ވަނީ ދަށްވެފަ އެވެ.