ކުރިއަށް ވުރެ ރާއްޖޭގައި ވިޔަފާރި ކުރަން މިހާރު އުނދަގޫ ވެފައިވާ ކަމަށް ވޯލްޑް ބޭންކުގެ ދިރާސާއަކުން ދައްކައިފި އެވެ.
ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގެ އަންނަ އަހަރުގެ އަދަދު އިއްޔެ ނެރެފައި ވާއިރު، ރާއްޖެ އަށް ލިބިފައި ވަނީ 135 ވަނަ އެވެ. އެއީ މި އަހަރު ލިބުނު 129 ވަނަ އަށް ވުރެ ހަ ދަރަޖައިގެ ދަށްވުމެކެވެ.
ކޮންމެ އަހަރެއް ވެސް ފެށުމުގެ ކުރިން ނެރޭ މި އިންޑެކްސްގައި ބަލާ 10 ކަންތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ކަމަކުން ވެސް ރާއްޖެ ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން، ވިޔަފާރި ފެށުމުގެ ބައިން މިދިޔަ އަހަރަށް ވުރެ ހަތަރު ދަރަޖަ ފަހަތަށް ގޮސް 65 ވަނަ އަށް ވެއްޓިފައި ވާއިރު، ކުންފުނީގެ އޮފީހާއި އެ ނޫން ވެސް އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ ބައިން އެއް ދަރަޖަ ފަހަތަށް ގޮސް 171 ވަނަ އަށް ވަނީ ވެއްޓިފަ އެވެ. ލޯނު ހޯދުމުގެ ބައިން ވެސް އެއް ދަރަޖައިގެ ވެއްޓުމެއް އައިސް 133 ވަނަ އަށް ވަނީ ވެއްޓިފަ އެވެ. އަދި ޓެކްސް ދެއްކުމުގެ ބައިން ފަސް ދަރަޖަ ފަހަތަށް ގޮސް، ލިބިފައި ވަނީ 134 ވަނަ އެވެ.
ގުދަން ހަދަން ހޭދަވާ މުއްދަތުގެ ބައިން ދެ ދަރަޖަ ދަށަށް ގޮސް 62 ވަނަ އަށް ޖެހިފައި ވާއިރު، އަލަށް ހަދާ ގުދަނަކަށް ކަރަންޓު ލުމުގެ ބައިން އެއް ދަރަޖަ ފަހަތަށް ގޮސް 145 އަށް ވަނީ ވެއްޓިފަ އެވެ. އެކަމަކު، މުދާ އެތެރެކޮށް ބޭރުކުރުމުގެ ބައިން އެއްވެސް ބަދަލެއް ނާދެ އެވެ. އެ ގޮތުން، އެ ބައިން އަންނަ އަހަރު ވެސް ލިބުނީ 147 ވަނަ އެވެ.
މީގެ އިތުރުން، ކުދި އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ބައިން ފަސް ދަރަޖަ ފަހަތަށް ގޮސް 123 ވަނަ އަށް ވެއްޓިފައި ވާއިރު، އެއްބަސްވުންތައް ތަންފީޒު ކުރުން ފަދަ ވިޔަފާރިއާ ގުޅުން ހުރި ޝަރުއީ ދާއިރާގެ ކަންކަމުގެ ބައިން ދެ ދަރަޖަ ފަހަތަށް ގޮސް 105 އަށް ވަނީ ޖެހިފަ އެވެ. އަދި ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމުގެ ބައިން ވެސް ރާއްޖެ ވަނީ އެއް ދަރަޖަ ދަށަށް ގޮސް 135 ވަނަ އަށް ގޮސްފަ އެވެ.
ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ:
- 2008: 54
- 2009: 65
- 2010: 69
- 2011: 71
- 2012: 87
- 2013: 85
- 2014: 79
- 2015: 95
- 2016: 129
- 2017: 135
ދެ ހާހުގެ ކުރީކޮޅު ވޯލްޑް ބޭންކުން ނެރެން ފެށި މި އިންޑެކްސްގައި ރާއްޖެ ފުރަތަަމަ ފަހަރަށް ހިމެނީ 2008 ގަ އެވެ. ފުރަތަމަ ފަހަރަށް ދަރަޖަ ކުރިއިރު 54 ވަނައިގައި އޮތް ރާއްޖޭގެ ހާލަތު ވަނީ 2012 އާ ޖެހެންދެން ދަށަށް ގޮސްފަ އެވެ. އެކަމަކު، ޖެހިގެން އައި ދެ އަހަރު ވެސް ބޮޑު ކުރިއެރުމެއް ރާއްޖޭން ހޯދި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ރާއްޖޭގެ ހާލަތު ދަށަށް ދިޔައީ މިދިޔަ އަހަރު އެވެ.
ރާއްޖޭގައި ވިޔަފާރި ކުރަން އުނދަގޫ ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނިއިރު، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ އަދި އެ މަނިކުފާނު ޕްރޮމޯޓު ކުރައްވަނީ އިގްތިސާދީ އެޖެންޑާ އެކެވެ. އެ ގޮތުން، ބޭރުގެ އިންވެސްޓްމަންޓުތައް ރާއްޖެ ގެނައުމާއި ވިޔަފާރި އަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދިނުމަކީ އެ މަނިކުފާނުގެ އެޖެންޑާގެ އެންމެ މުހިއްމު އެއް ބައެވެ.
އެކަމަކު، ބޭރުގެ މާލީ އިދާރާތަކުގެ ތެރެއިން ވެސް ވޯލްޑް ބޭންކުން އަންނަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑުކިޔަމުންނެވެ. އެ ގޮތުން، އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވެ، 2020 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނި 120 ޕަސެންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ރާއްޖޭގެ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުން އިތުރުވެފައިވާ ކަމަށާއި އެކަން އެ ގޮތަށް ކުރާ ނަމަ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ވެސް މިފަހުން ވަނީ ދީފަ އެވެ.
ޑުއިން ބިޒްނަސް އިންޑެކްސްގެ ބައިތައް:
- ވިޔަފާރި ފެށުން: 65 (ހަތަރު ދަރަޖަ ފަހަތަށް)
- އޮފީސް ރަޖިސްޓްރީ ކުރުން: 171 (އެއް ދަރަޖަ ފަހަތަށް)
- ލޯނު ހޯދުން: 133 (އެއް ދަރަޖަ ފަހަތަށް)
- ޓެކްސް ދެއްކުން: 134 (ފަސް ދަރަޖަ ފަހަތަށް)
- ގުދަން ހެދުން: 62 (ދެ ދަރަޖަ ފަހަތަށް)
- އަލަށް ހަދާ ގުދަނަކަށް ކަރަންޓުލުން: 145 (އެއް ދަރަޖަ ފަހަތަށް)
- މުދާ އެތެރެކޮށް ބޭރުކުރުން: 147 (ބަދަލެއް ނާދެ)
- ކުދި އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށްދިނުން: 123 (ފަސް ދަރަޖަ ފަހަތަށް)
- އެއްބަސްވުންތައް ތަންފީޒު ކުރުން: 105 (ދެ ދަރަޖަ ފަހަތަށް)
- ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުން: 135 (އެއް ދަރަޖަ ފަހަތަށް)
ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އާއި ހަތް ދަރަޖަ ފަހަތަށް ދިޔަ ނޭޕާލް ފިޔަވައި އެހެން ގައުމުތަކުން ވަނީ ކުރިއެރުން ހޯދައި ނުވަތަ ފަހަތަށް ގޮސްފައި ވަނީ ވަރަށް ކުޑަކޮށެވެ. އެ ގޮތުން، މުޅި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ ސަރަހައްދީ ބާރު އިންޑިއާ އިން އެއް ދަރަޖަ، ޕާކިސްތާނުން ހަތަރު ދަރަޖަ އަދި ބަންގްލަދޭޝް އިން ދެ ދަރަޖައިގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. އަދި ލަންކާ އާއި އަފްގާނިސްތާނުން އެންމެ ދަރަޖައެއް ފަހަތަށް ގޮސްފައި ވާއިރު، ބޫޓާންގެ ހާލަތު ދަށަށް ދިޔައީ ދެ ދަރަޖަ އެވެ.
މި އަހަރު ވެސް މި އިންޑެކްސްގެ އެންމެ ކުރީގައި އުޅެނީ ސިންގަޕޫރާއި ނިއު ޒީލެންޑެވެ. އެކަމަކު، އަބަދު އެއް ވަނައިގައި އުޅޭ ސިންގަޕޫރު މި ފަހަރު ވަނީ ދެވަނަ އަށް ވެއްޓި، އެ ޝަރަފު މި އަހަރު ހޯދާފައި ވަނީ ވާދަވެރި ނިއު ޒީލެންޑުންނެވެ.
އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް އަކީ ވޯލްޑް ބޭންކުން ކުރާ އެންމެ މުހިއްމު ދިރާސާ އެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމުގެ އިތުރަށް، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކެއްގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް މި އިންޑެކްސް ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ.