ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން އެ ރަށު ބަނދަރު 29،841 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.0 މީޓަރު) ފުން ކުރާނެ އެވެ. އަދި ބަނދަރަށް ވަންނަ ނެރު ފުން ކުރުމަށް 3،546 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4 މީޓަރު) ނެރު ފުން ކުރާނެ އެވެ. މީގެ އިތުރުން އެ ރަށުގެ އެއްގަމު ތޮށި 212 މީޓަރަށް ޖެހުމާ އެކު 50 މީޓަރަށް ގްރޮއިން ޖަހާނެ އެވެ.
އެ ރަށުގެ އެއްގަމު ތޮށިން ބޭރު ތޮއްޓާ ދެމެދު ބްރިޖެއް އެޅުމަށް އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ.
އެމްޓީސީސީއާ ހަވާލު ކުރި 33 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 105 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، ދެ ނެވިގޭޝަން ލައިޓު ހަރުކުރުމާއި 40 މެރިން ރިންގު ހަރުކުރުމާއި އަދި 10 މޫރިން ބޮއެ ހަރުކުރުން ހިމެނެ އެވެ. މުރައިދޫ ބޭރުތޮށީގައި 407 މީޓަރުގެ ބޮޑު ހިލަ ޖެހުމާއި ރޭމްޕް ޖެހުމާ އަދި 1763.61 އަކަ މީޓަރުގެ ޕޭމަންޓަކާ އެކު 18 މަގު ބައްތި މި މަޝްރޫއުގެ ދަށުން ހަރުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.