އުރީދު އާއި އޯކާ މީޑިއާ ގްރޫޕާއި އެމްއެމްޕީއާރުސީ ގުޅިގެން މިދިޔަ އަހަރު ފެށި "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާ ކެމްޕެއިނެއް މިދިޔަ އާދިއްތަ ދުވަހު ފަށައިފި އެވެ.
މި ކެމްޕޭނުގައި، ރާއްޖޭގެ ސަގާފަތާއި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްގެން އިނާމުތަކެއް ލިބޭނެ އެވެ.
ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭނުގައި ފޮޓޯ އާއި ވީޑިއޯ ހުށަހަޅަން ޖެހޭނީ ކޮންމެ މަހަކު ދޭ ތީމަކަށެވެ. މި މަހުގެ ތީމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ކަމަށް ވާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ކެމްޕެއިނުގައި ބައިވެރިވެވޭނެ އެވެ.
ފޮޓޯ އާއި ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ މަހަކު ނަސީބުވެރިއަކު ހޮވާނެ އެވެ. މި މަހު ގުރުއަތުން ހޮވޭ މީހަކަށް ހުށަހަޅާފައިވަނީ ވ. ކެޔޮދޫ ޖުޕިޓާ ސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެވެ.
އުރީދޫން ބުނިގޮތުގައި، ކެމްޕެއިންގެ ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމެވެ. އެހެންކަމުން ފޮޓޯ އާއި ވީޑިއޯ ހިއްސާކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބުނު ގެއްލުމާއެކު ގިނަ އާއިލާތަކަކަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުރީދޫގެ އަމާޒަކީ އަލުން ޓޫރިޒަމް ކުރިއެރުވުން ކަމަށާއި މި ކެމްޕެއިންގެ ސަބަބުން ބޭރުގެ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.