އެހީތެރި ކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް "އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރެން" (އާކް)އަށް ބީއެމްއެލް އިން 100،000ރ. ހަދިޔާކޮށްފި އެވެ.
މިއީ އާކް އެއިޑް ޕްރޮގްރާމަށް އެ ބޭންކުން ދިން އެހީއެކެވެ. މި ޕްރޮގްރާމަކީ އެހީތެރިކަން ބޭނުންވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި އެހީއާ އެކު މާލޭގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު ވެސް ބޭންކުން އާކަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން އެހީ އަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000ރ. ހަދިޔާކުރި އެވެ.