ދުނިޔޭގައި ވެސް މިހާތަނަށް ހަދާ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމަށް ނެދަލޭންޑްސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް އެކަން މިއަދު އިފްތިތާހުކޮށްފި އެވެ.
"މޯލްޑިވްސް ފްލޯޓިން އައިލެންޑް" ތަރައްގީ ކުރަނީ މާލޭގެ އުތުރުން އޮންނަ ފަޅެއްގަ އެވެ. ފްލޯޓިން ސިޓީން މާލެއަށް 10 މިނެޓްގެ ތެރޭގައި ދަތުރު ކުރެވޭނެ އެވެ. މިތަން ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމްކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.
މި ޕްރޮޖެކްޓް ލޯންޗު ކުރުމަށް ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދު ބައިވެރިވެވަޑައިގަތެވެ.
މި ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ މި ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިތަނުގައި ގެތައް ހަދަނީ ވަރަށް ގިނަ ކުލަތައް ހިމެނޭ ގޮތަށެވެ. އަދި ދެބުރިއަށް ހަދާ މި ގެތަކުގެ މަތީގައި ޓެރަސް އެއް ހަދާނެ އެވެ.
މުޅިން ތަފާތު ކޮންސެޕްޓަކަށް ހަދާ މި ގެތަކުގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހުންނާނެ އެވެ. މިތަނުގައި ހަދާ ގެތަކުގެ އަގު އުޅޭނީ ދެ މިލިއަން ރުފިޔާ އިން މަތީގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ. މި ސިޓީން ގެ ގަތުމަށްޓަކާއި އިންސްޓޯލްމެންޓް އުސޫލުގެ ތެރެއިން ގެ ގަތުމުގެ ފުރުސަތު އޮންނާނެ އެވެ. މީގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ވެސް މި ސިޓީން ގެ ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.
މާލެއާ ކައިރި ފަޅެއްގައި ތަރައްގީކުރާ މި ސިޓީގެ ވަށައިގެން ދެ ރިސޯޓު ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ. އަދި ޔޮޓް މެރީނާއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ވެސް އެ ސަރަހައްދަށް ގެންނަން ހަމަޖެހިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ތަފާތު ކޮންސެޕްޓަކަށް ހަދާ ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލް އާއި ސަރުކާރު އޮފީސްތައް ވެސް ހަދާނެ އެވެ.
"މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާނެ،" އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ގެތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވެ އެވެ. މި ސިޓީ ތަރައްގީ ކުރަނީ ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ރިޔާޒް ވިދާޅުވީ، 5،000 ގެ ހުންނަ ފްލޯޓިން ސިޓީގެ ވަށައިގެން ހަދާ ދެ ރިސޯޓުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަސްވެގެންދާނެ ކަމަށެވެ.