ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމިއްލަ އަށް ހިދުމަތް ހޯދޭ ޑިޖިޓަލް ކިއޯސްކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުރީދޫން މިއަދު ބަހައްޓައިފި އެވެެ.

އުރީދޫން އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކިއޯސްކުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިނިސްޓަރުގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަދި ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ސިމް ކާޑު ރަޖިސްޓްރީކޮށް އިޝޫ ކުރުމުގެ އިތުރުން ސިމް ކާޑު ރީޗާޖު ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ކިއޯސްކެކެވެ. މި ކިއޯސްކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އެވެ.

އުރީދޫން ބުނިގޮތުގައި ކޮވިޑް-19ގެ ސަބަބުން މި ދުވަސްވަރު މިފަދަ ޑިޖިޓަލް ކިއޯސްކުތައް މެދުވެރިކޮށް ހިދުމަތް ދިނުމަކީ މުހިންމު ކަމެކެވެ.

އުރީދޫ ކިއޯސްކުގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް (މ) އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ (ކ) އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު (ކ) އާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު (ވ-2) އަދި ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު (ވ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އުރީދޫ
އުރީދޫ ކިއޯސްކުގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް (މ) އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ (ކ) އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު (ކ) އާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު (ވ-2) އަދި ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު (ވ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އުރީދޫ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވުމާ އެކު އެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރާ މަސައްކަތުގައި އެންމެން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އުރީދޫގެ ޑިޖިޓަލް ކިއޯސްކުގެ ސަބަބުން ޓޫރިސްޓުންނަށް ރައްކާތެރިކަމާ އެކު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ދުނިޔެ މިއަދު ކުރިމަތިލަމުން މި ދާ ގްލޯބަލް ޕެންޑެމިކާ ގުޅިގެން ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. އެހެން ނަމަވެސް، ފަތުރުވެރިންނަށް ރައްކާތެރި ތަނެއް ގާއިމްކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާ ކިޔާފައިވާއިރު، ހިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ބޭފުޅެއްގެ ވެސް ޒިންމާއެއްކަމުގައި،" ނިޔާޒު ވިދާޅުވި އެވެ.

ޑިޖިޓަލް ކިއޯސްކުން ލިބޭ ހިދުމަތްތައް

- ޓޫރިސްޓް ސިމް ކާޑު

- ބިލަށް ފައިސާ ދެއްކުން

- ރީޗާކު ކުރުން

- އެމް ފައިސާ އެކައުންޓަށް ކޭޝް އިން ކުރުން

އުރީދޫން ވަނީ ދާދި ފަހުން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ވެސް ލޯންޗްކޮށްފަ އެވެ. މި ކެންޕެއިންގައި ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒު ހިފައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބާރު ސްޕީޑެއްގައި ކުރިއެރުވުމަށް އުރީދޫން އެހީތެރިކަމާއި އެއްބާރުލުންދޭނެ އެވެ.